ގދ.ތިނަދޫގައި ފްލެޓް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން އެރަށަށް ފޮނުވި ހިލަވެލި ޕްލޭނިންގ މިނިސްޓްރީގެ އެންގުމަށް ޕަބްލިކް ވަރކްސް ސައިޓަށް ބަދަލުކުރަން ފެށުމުން ތިނަދޫ ދަނޑެކޮނޑޭ ރައްޔިތުން އެކަމާ މުޒާހަރާކޮށްފިއެވެ.
މުޒާހަރާގެ ބައިވެރިން ހުވަދޫ ނިއުސްއަށް މައުލޫމާތު ދިން ގޮތުގައި ހިލަވެލި ގެނެސް ޕަބްލިކް ވަރކްސް ސައިޓަށް އެޅުމުން އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އޭގެ އުދަގޫ ފޯރާ ކަމަށާއި ވަޔާއެކީ އެހިލަވެލި މުޅި މަގަށާއި ގޭގޭ ގޯތިތެރެޔަށް އަންނަ ކަމަށެވެ. އޭޣެ ސަބަބުން މުޅި ހިސާބުގެ ވައި ތަޣައްޔަރުވެ ކުޑަކުދިންނާއި ބޮޑެތި މީހުންގެ ލޮލަށް އެހިލަވެލި އެޅޭ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

ހިލަ އާއި ހިލަވެލި ޕަބްލިކް ވަރކްސް ސައިޓުގެ ތެރެޔަށް އަޅާފައި – ހުވަދޫ ފޮޓޯ: އަހުތަރު
އެހެންކަމުން މުޒާހަރާގެ ބައިވެރިން ދަނީ ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ، މުޙައްމަދު ޙަސަން (ކެޔޮޅު) އިސްތިއުފާއަށް ގޮވަމުންނެވެ.
މިމައްސަލައިގައި ޕްލޭނިން މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ، މުޙައްމަދު ޙަސަން (ކެޔޮޅު) ވިދާޅުވަނީ މިހިލަވެލި ތިނަދޫ ސައިޓަށް ބަދަލުކުރުމަށް ޕްލޭނިންގ މިނިސްޓްރީން އަންގާފައިވާތީ މިނިސްޓްރީގެ އެދުމުގެ މަތިން އެތަކެތި ސައިޓަށް ބަދަލުކުރަމުން ގެންދާ ކަމަށެވެ.
މިމައްސަލައާއި ބެހޭގޮތުން "ހުވަދޫ ނިއުސް"އަށް މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވީ ޕަބްލިކް ވަރކްސްއިން އެމަސައްކަތް ކުރަމުންދަނީ ކައުންސިލްގެ އެއްވެސް ހުއްދައެއްނެތި ޤާނޫނާއި ޚިލާފަށް ކަމަށާއި އެކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ ގެއްލުންތަކުގެ ބަދަލު އެފަރާތްތަކަށް ހޯދަދޭޭނަކަމަށެވެ.
ތިނަދޫ ކައުންސިލުން ބުނާ ގޮތުގައި އެ ހިލައާއި ހިލަވެއްޔާއި ދަގަނޑު ފަދަ އިމާރާތްކުރުމަށް ބޭނުންކުރާ ތަކެއްޗަކީ އެ ކައުންސިލުގެ ބިމެއްގައި ހުރި އެ ކައުންސިލުގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗެވެ. އަދި ޕަބްލިކްވޯރކްސްގެ ވެހިކަލްތައް ބޭނުންކޮށްގެން ޕަބްލިކްވޯރކްސްގެ ސައިޓަށް ޖަމާކުރަމުން ދަނީ ތިނަދޫ ކައުންސިލުގެ ހުއްދައެއް ނެތި ކަމަށްވެސް އެކައުންސިލުން ބުނެއެވެ.
މީގެ ދެދުވަސްކުރިންވެސް ދަނޑެކޮނޑޭ ރައްޔިތުންވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ. އެހެންނަމަވެސް ހުއްޓާނުލާ ޕަބްލިކް ވަރކްސްއިން އެމަސައްކަތް ކުރިޔަށް ގެންދާތީ އެސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަނީ މިއަދު މުޒާހަރާއަށް ނުކުމެ އެމަސައްކަތަށް ހުރަސް އަޅާފައެވެ.

