ރައްކާތެރި މުޖްތަމައެއް ބިނާކުރުމަށްޓަކައި މުޖްތަމައުގައި ކުށްމަދުކޮށް، ޢާއްމު ރައްޔިތުން ހޭލުންތެރިކުރުވުމަށް މޯލްޑިވްސް ޕޮލިސް ސަރވީސްގެ ފަރާތުން ކުރިޔަށްގެންދާ ކޮމިޔުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމް އެމް.ޑަބްލިޔު.އެސް.ސީއިން ސްޕޮންސަރ ކޮށްދީފިއެވެ.
މިއަދު މޯލްޑިވްސް ޕޮލިސް ސަރވީސްގައި ބޭއްވުނު ހަފްލާގައި ސްޕޮންސަރޝިޕްގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކޮށްފައިވަނީ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އަދި މޯލްޑިވްސް ޕޮލިސްގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ޕޮލިސް ޢަލީ ރަޝީދު އެވެ.
މި ރަސްމިޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމް.ޑަބްލިޔު.އެސް.ސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ކޮމިޔުނިޓީ ސޭފްޓީ ޕާޓްނަރޝިޕް ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ "އިސްނަގާނީ އަހަރެން" މިޝިއާރުގެ ދަށުންނެވެ. ކޮމިޔުނިޓީ ސޭފްޓީ ޕްރޮގުރާމް ކުރިއަށް ގެންދެވޭނީ ހުރިހާ އުމުރުފުރަޔަކަށް ގުޅޭގޮތުންނެވެ. މިގޮތުން ކޭމްޕްތަކާއި ހޭލުންތެރިކުރުމުގެ ޕްރޮގުރާމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިޔަށް ގެންދަން އަމާޒުކޮށްފައިވަނީ ސްކޫލް ކުދިންނާއި، ޒުވާނުންނާއި އަދި އިސްރަށްވެހިންނަށް ޙާއްސަކޮށްގެންނެވެ.
މި ޕްރޮގްރާމްގެ ދަށުން ހަރަކާތްތަކުގެ ބައިވެރިންނަށް އަމިއްލަ ނަފްސުގެ ސަލާމަތާއި ރައްކާތެރިކަމުގެ ހުނަރުތަކާއި ފުރަތަމަ އެހީ ފޯރުކޮށްދޭނެ ގޮތްތައްވެސް ދަސްކޮށްދެވޭނެއެވެ. އަދި އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެގޮތްތައް ދަސްކޮށްދިނުމަށްގެންދާ ތަމްރީންތަކާއި، ޑޮމެސްޓިކް ހައުސް ވަޔަރިންގއާއި، އާންމު ދިރިއުޅުމާއި މުޖުތަމައުގައި އުޅޭއިރު އަމަލުކުރަންޖެހޭ ގޮތްތަކާއި، ދިރިއުޅުމުގެ ރިވެތި އަދަބުތަކާއި، ލީޑަރޝިޕްގެ ބައިތަކުގެ އިތުރުން، ރެޕަލިންގެ ހަރަކާތްތައްވެސް ކުރިއަށް ގެންދެވޭނެއެވެ. އެމް.ޑަބްލިއު.އެސް.ސީގެ އަމާޒަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން، މުޖުތަމައުގެ ކުރި އެރުމާއި، ލާބައާއި މަންފާއަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

