ހުވަދު އަތޮޅު އުތުރުބުރީ ދާންދޫގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން، މަސައްކަތް ކުރުމުގެ ކުރުމުގެ ދުވަހު އުޖޫރަ ދޭނެ ގޮތުގެ އުސޫލެއް އެރަށު ކައުންސިލުން ހަދައިފިއެވެ.
ދާންދޫ ކައުންސިލުން އިއްޔެ އާންމުކޮށް އަމަލު ކުރަން ފެށި އެ އުސޫލަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލަށް ލިބިފައިވާ ބާރުގެ ދަށުން ހަދާފައިވާ އުސޫލެއްކަމަށް އެކައުންސިލުން ބުނެއެވެ.
އެގޮތުން މި އުސޫލުގެ ދަށުން ބިދޭސީން ކުރާ މަސައްކަތްތަކަށް ދުވަހު އުޖޫރަ ކަނޑައެޅުމުގައި މަސައްކަތް ކުރުވާ ފަރާތްތަކުންނާއި އަދި މަސައްކަތް ކުރާ ފަރާތްތަކުން އަމަލު ކުރަންވީ ގޮތް ހިމެނެއެވެ.
މި އުސޫލުގެ ދަށުން ބިދޭސީންނަށް ދުވަހު އުޖޫރަ ދިނުމުގައި މަސައްކަތް ވަޒަން ކުރާނެ މިންގަޑުތަކާއި ކެޓަގަރީތައް:
ގެދޮރު އިމާރާތްކުރުން (ކެޓަރީ 1)
- ކޮންކްރިޓް މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ
- ރާނާ ސިމެންތިޖަހާ މޭސަނަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ
- ތަށި މުށިޖެހުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ
- ފެންވަރިންގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ
- ފެންވަރިން މަސައްކަތް ކުރާ ޕްލަމްބަރ ނުވަތަ މޭސަނުންނަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ
- ކަރަންޓް ވަރިން ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހާއަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ
- ކަރަންޓް ވަރިން ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ އިލެކްޓްރިޝަން އަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ
- އިމާރާތުގައި ޓިނުޖަހާ ހިޔާކުރުމުގެ މަސައްކަތް ކުރާ ބިދޭސީ ކާޕެންޓަރ މީހަކަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ
- އިމާރާތުގައި ޓިނުޖަހާ ހިޔާ ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތް މީހަކަށް ދުވަލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ
- އިމާރާތް ސީލިންގ ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ
- އިމާރާތް ސީލިންގ ކުރުމުގެ މަސައްކަތް ކުރާ ބިދޭސީ ކާޕެންޓަރަކަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ
- ކުލައާއި ދަވާދު ލުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ
ރަށުގެ ޢާންމުންގެ ގޯތިގެދޮރުގައި ހުންނަ ރުއްގަސް ކަނޑާ ސާފުކުރުމާއި ގޯތި ގެދޮރު ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް (ކެޓަރީ 2)
- ޢާންމު ރައްޔިތުންގެ ގޯތި ގެދޮރުގައި ރުއްގަސްތައް ކަނޑާ ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް :
– ރުއްގަސް ކެނޑުމުގައި ދެގުޅި ( 10ފޫޓް އުސްމިނުގައި ހުންނަ ރުކެއް ކަނޑުމަށް ) އަށް ކަނޑާ އުސްމިނުގެ ރުއްގަސް ކަނޑާ ބިންގަޑު ސާފުކުރުމުގެ މަސައްކަތް ކުރާ މީހަކަށް ދުވާލަކަށް ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ
– ރުއްގަސް ކެނޑުމުގައި ދެގުޅި އަށް ވުރެ ދިގު ރުއްގަހުން ދެގުޅިއަށް ވުރެ އިތުރަށް ކަނޑާ ކޮންމެ ގުޅިއަކަށް 100.00 ރުފިޔާ އަދި 5 ގުޅި އަށް ވުރެ މަދުން ގުޅި ކަނޑާ ރުއްގަހަކަށް، މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކަށް ދެވޭނެ ދުވަހު އުޖޫރަ 800.00ރުފިޔާ - ޢާންމު ރައްޔިތުންގެ ގޯތި ގެދޮރުގެ ވިނަ ނޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކު ދެވޭނެ ދުވަހު އުޖޫރަ 250.00 ރުފިޔާ
ރަށުގެ ޢާންމު ރައްޔިތުންނަށް ކޮށްދޭ ކުދިކުދި މަސައްކަތަށް އުޖޫރަ ނަގާނެ ގޮތް (ކެޓަގަރީ :3)
- މިއޫސުލުގެ އެހެން މާއްދާއެއްގައި ނުހިމެނޭ މަސައްކަތުގެ ތެރެއިން އެއްގަޑިއިރަށް ވުރެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ކުރެވޭ މަސައްކަތަށް ބިދޭސީ މަސައްކަތު މީހަކަށް އުޖޫރަ ދޭނެ ގޮތުގެ ތަފްސީލް:
– ބަރޯގާޑިއާ އެއްގައި މުދާ އެއްތަނުން އަނެއްތަނަށް ގެންގޮސް ދިނުން އެއްދާގީނާއަށް ވުރެ ގިނަ ނޫންނަމަ ދޭންޖެހޭ އުޖޫރައަކީ 20.00 ރުފިޔާ
– ބަރޯގާޑިއާ އެއްގައި މުދާ އެއްތަނުން އަނެއްތަނަށް ގެންގޮސް ދިނުން އެއްދާގީނާއަށް ވުރެ ގިނަ ނަމަ ދޭންޖެހޭ އުޖޫރަ އަކީ 30.0 ރުފިޔާ
– އަތްގާޑިއާ އެއްގައި މުދާ އެއްތަނުން އަނެއް ތަނަށް ގެންގޮސް ދިނުމުގެ އުޖޫރަ ބިދޭސީ މަސައްކަތު މީހަކަށް 50.00 ރުފިޔާ
– އިމާރާތުގެ ފުރާޅާއި ދިޔަ ދޮވި ފޮޅާ ސާފުކުރުމުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހެއްގެ އުޖޫރައަކީ 150.00 ރުފިޔާ
– ރުއްރުކުގެ ކޮޅުހަދާ ސާފުކުރުކުގެ އަގު 80.00 ރުފިޔާ (އަގު ރުކަކަށް )
– ކުރުބާ، ކާށި، ގަބުޅި އެޅުން ކޮންމެ ރުކަކަށް އެރުމުގެ އަގު 50.00 ރުފިޔާ
ނަރުދަމާ ޖަންގްޝަން ސާފުކުރުމާއި އެކިއެކި ބޭނުމަށް ކޯރު ކޮނުމުގެ މަސައްކަތަށް އުޖޫރަ ދޭނެ ގޮތުގެ ތަފްސީލް (ކެޓަގަރީ :4)
- ފާޚާނާއި ޖަންގްޝަން ހޮޅި ބެދިގެން،ކުދި ޖަންގްޝް އާއި ހޮޅިތައް ސާފުކުރުގެ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ
- އެކިއެކި ބޭނުމަށް ރަށުގެ ބިމުގައި ކޭބަލާއި ހޮޅިފަދަ ތަކެތި އަދި މިނޫންވެސް ބޭނުމަށް ކޯރުކޮނުމުގެ މަސައްކަތުގެ އުޖޫރަ ދޭންވާނީ މަގުގެ ދިގުމިނުގައި ކޮންނަ ކޮންމެ ކޮޑިމީޓަރަކަށް 10.00ރުފިޔާ
ފައިބަރު މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހުންނަށް މަސައްކަތުގެ އުޖޫރަ ދޭނެ ގޮތުގެ ތަފްސީލް (ކެޓަގަރީ:5)
- ފައިބަރ މަސައްކަތް ކުރާ ބިދޭސީ މަސައްކަތު މީހަކަށް ދުވާލަކު ކެއުމާއެކު ދެވޭނެ ދުވަހު އުޖޫރަ 300.00 ރުފިޔާ
މީގެ އިތުރުން ހުއްދަ ހޯދައިގެން ދާންދޫ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ފަޅުތެރެއިން ދޮންވެލި ކަށިވެލި ނެގުމުގެ އުސޫލާއި އެއްގޮތަށް ދޮންވެލި، ކަށިވެލި ނެގުމުގެ މަސައްކަތުގެ އަގު މިންކުރެވިފައިވާ ގޮތް ވެސް އު އުސޫލުގައި ވަނީ ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ ދޮންވެލި ބަސްތާއެއް 8 ރުފިޔާއަށް ވިއްކޭއިރު، ކަށިވެލި ބަސްތާއެއް ވިއްކޭނީ 25 ރުފިޔާއަށް ކަމަށް ވަނީ ނިންމާފައެވެ. އަދި ކޮންމެ ދޮންވެލި އަދި ކަށިވެލި ބަސްތާއަކަށް 1 ރުފިޔާގެ ފީއެއް ކައުންސިލަށް ދައްކަން ޖެހޭނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.
އުސޫލުގައި ބުނެފައިވާ ގޮތުން ނަމަ، އެރަށުގައި އުޅޭ ބިދޭސީން ލައްވައި މަސައްކަތް ކުރެވޭނީ ކޮންމެ މަސައްކަތު ދުވަހެއްގައި އެއް ގަޑިއިރުގެ ބްރޭކެއް އެފަރާތްތަކަށް ލިބޭ ގޮތަށް ޖުމްލަ 8 ގަޑިއިރަށެވެ.
ކައުންސިލުން އެކުލަވާލާފައިވާ އުސޫލާއި ހިލާފުވާ ފަރާތްތައް 500 ރުފިޔާއާއި 5،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާކޮށް، ގަވާއިދާ ހިލާފަށް ރަށުގައި އުޅޭ ކަމުގެ ކުށުގައި ފުލުހުންނާ ވެސް ހަވާލުކުރެވޭނެ ކަމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.
މި އުސޫލަށް އަމަލުކުރަން ފެށުމާއެކު، އެރަށުގައި ކުރާ ހުރިހާ މަސައްކަތްތަކެއް އެސްޓިމޭޓް އުސޫލުން ކުރެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެ ރަށުގައި ދިރިއުޅޭ އެއްވެސް ބިދޭސީއަކަށް އެސްޓިމޭޓް އުސޫލުން މަސައްކަތް ނަގައިގެން މަސައްކަތްކުރުން ދެން މަނާވާނެއެވެ.

