ގަބުރު ހުރެގެން ނަމާދު ނުކުރެވޭ ތަނެއްގައި ހިނގާބިނގާވެ އުޅުން އަދި ނިދައި ހެދުންވެސް ކަނޑައެޅިގެން ހަރާމް ވާނެ ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ބިން އަލީ ވިދާޅުވެއްޖެ އެވެ.
އިލްމުވެރިން މިހެން ވިދާޅުވެފައި މިވަނީ ފ.ދަރަނބޫދޫގައި ކުރިން ބޭނުންކުރި މިސްކިތެއްގެ ތެރޭގައި އެރަށަށް މަސައްކަތު މީހުންގެ ގޮތުގައި ގޮސް ތިބި ބިދޭސީ ބަޔަކު ނިދާ ކައި ހަދާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވުމާއި ގުޅިގެންނެވެ.
ނިޝާން ވިދާޅުވީ، މިސްކިތް ބަންދު ކުރެވުނު ސަބަބަކީ ގަބުރުމަތީ ބިނާކޮށްފައި ހުރުުމުން ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބަޔާންކޮށްފައި ނުވަނީ ކީއްވެގެންތޯ ސުވާލު ކުރައްވާފައެވެ. އަދި ގަބުރު ހުރެގެން ނަމާދު ނުކުރެވޭ ތަނެއްގައި ހިނގާބިނގާ އަދި ނިދައި ހެދުންވެސް ކަނޑައެޅިގެން ހަރާމް ވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފ. ދަރަނބޫދޫގައި މިސްކިތެއްގެ ގޮތުގައި ކުރީން ބޭނުންކުރި ތަނެއްގައި އިންޑިއާގެ މަސައްކަތު މީހުން ގެންގުޅޭ މައްސަލައާ ގުޅިގެން އާންމުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ރަށުގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުން ކުރަން ފެށުމާއެކު ކުރީން ބޭނުން ކުރަމުން އައި މިސްކިތް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މި މިސްކިތުގައި ނަމާދު ނުކުރާތީ މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެ ރަށު ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދުމާ ގުޅިގެން އެ މިސްކިތް ކައުންސިލާ ހަވާލުކުރި ކަމަށެވެ.
އޭގެ ފަހުން އެތަނުގައި ކައުންސިލުން ގުރުއާން ކުލާސް ހިންގިކަން އެ މިނިސްޓްރީއަށް އެނގިފައިވާ ކަމަށްވެސް ބުންޏެވެ.

