ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބަންގްލަދޭޝާއި އިންޑިއާގެ އިރުއުތުރުގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވެ، އެތައް މިލިޔަން ބަޔަކު ހާލުގައި ޖެހިއްޖެއެވެ.
ފެންބޮޑުވުމާ ގުޅިގެން މެދުވެރިވި އެކި ހާދިސާތަކުގައި ބަންގްލަދޭޝްގައި 19 މީހުން ވަނީ މަރުވެފައެވެ. އަދި އިންޑިޔާގައި މަރުވި މީހުންގެ އަދަދު ވަނީ 16 އަށް އަރާފައެވެ.
ބަންގްލަދޭޝްގެ ސިލްހެތް ސަރަޙައްދުގެ އިސްވެރިޔާ މުޙައްމަދު މުޝައްރަފް ޙުސައިން ވިދާޅުވީ އެ ޤައުމުގެ އިރުއުތުރުގެ ގިނަ ސަރަޙައްދުތައް މިހާރު އޮތީ ފެނު އަޑީގައި ކަމުގައެވެ. އަދި، 16 މިލިޔަނަށް ވުރެ ގިނަ މީހުން، އެ މީހުންގެ ގެދޮރުގައި ބަންދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ބަންގްލަދޭޝްގެ އިރުއުތުރުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބައެއް ގެތަކުން މީހުން ހުސްކުރުމުގެ މަސައްކަތް އެގައުމުގެ އިސް އޮފިޝަލުން ވަނީ ފަށައިފައެވެ.
ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ސުނަމްގަންޖް ޑިސްޓްރިކްޓަށެވެ. އެ ރަށުގައި ބަންދުވެފައިވާ މީހުންނަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީ، އެ މީހުން ސަލާމަތް ކުރުމަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް، އެ ސަރަޙައްދުގައި ލިބެން ހުރި ބޯޓު ފަދަ އުޅަނދުތަކުގެ އަދަދު މަދުވުމުން އެ ކަމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.
ޕޯޓް ސިޓީ ޗިޓަގޮންގްގައި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އިތުރު ހަތަރު މީހަކު މަރުވި ކަމަށް ޕޯޓް ސިޓީގެ ޕޮލިސް އިންސްޕެކްޓާ ނޫރުލް އިސްލާމް އޭއެފްޕީއަށް ވިދާޅުވި އެވެ.
އިންޑިއާގެ ދުރު މެގަލާޔާ ސްޓޭޓްގައި ބުރާސްފަތި ދުވަހުން ފެށިގެން މިހާތަނަށް 16 މީހުން މަރުވެފައިވާ ކަމަށް އެ ސްޓޭޓްގެ ޗީފް މިނިސްޓަރު ކޮންރަޑް ސަންގްމާ ވިދާޅުވިއެވެ. މި ހާދިސާ ހިނގާފައިވަނީ ބިންގަނޑު ކަނޑައިގެން ދިއުމާއި މަގުތައް ބަންޑުން ޖަހާލާފައިވާ ކޯރުތައް އުސްވުމާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

