ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުން ކޮވިޑަށް ޕޮޒިޓިވްވާ އަދަދު އިތުރުވަމުންދާ ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު އަލީ ވިދާޅުވީ، އެޑްމިޓް ކުރާ ކޭސްތައް ވެސް ދަނީ ކޮވިޑަށް ޕޮޒިޓިވް ވަމުން ކަމަށާއި އޭގެ މާނައަކީ، މުޖުތަމައުގައި ކޮވިޑް ކޭސްތައް ފެންނަ މިންވަރު ވަރަށް ގިނަ ވެފައި ވާ ކަމަށެވެ. އެހެންކަމުން ހޮސްޕިޓަލުގައި ތިބި ބަލި މީހުންނަށް ޒިޔާރަތް ކުރާ މީހުން ވެސް ވަރަށް ބޮޑަށް ސަމާލުކަންދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ، މި ވަގުތަކީ ދެން އޮތް “ލައިން އޮފް ޑިފެންސް” ފަށަން ވީ ވަގުތު ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ އިތުރުން ފިޔަވަޅުތައް ހަރުކަށި ކުރުމަށް ޑރ. މުހައްމަދު އަލީ ގޮވާލައްވާފައެވެ.
މިހާރު ކޭސްތައް އިތުރުވަމުން އަންނާތީ އައިޖީއެމްއެޗަށް ދާ ފަރާތްތަކުން މާސްކް އަޅައިގެން ދިޔުމަށް އެ ހޮސްޕިޓަލުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
އެޗްޕީއޭއިން އާންމު ކުރި މިދިޔަ ހަފްތާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 142 މީހުންނަށް ކޮވިޑް ޖެހިފައި ވެއެވެ. އޭގެ ތެރެއިން 50 މީހަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.

