ހަރަދު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ރަޝިއާ-ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި އެހެނިހެން ބާވަތްތަކުގެ އަގު އިންތިހާ އަށް އުފުލިފައިވާ ކަމަށާއި އެގޮތުން ދައުލަތުގެ ހަރަދުތައް ކުރިން އަންދާޒާ ނުކުރެވޭ މިންވަރަކަށް އިތުރުވަަމުންދާ ކަމަށެވެ. މީގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ އާއި ފައިނޭންސިންގެ ތެރެއިން ހަރަދުތައް ހަމަޖެއްސުމަށް ލިބޭ ޖާގަ ވަރަށް ބޮޑަށް ހަނިވެފައިވާ ކަމަށް އެ ސާކިއުލާގައިވެ އެވެ.
އަދި ދުނިޔޭގެ މާލީ ބާޒާރުގައި އިންޓްރެސްޓް ރޭޓު އުފުލެމުންދާ ދަނޑިވަޅެއްގައި ޚަރަދުތައް އިތުރަށް ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވެގެންދާ ނަމަ މި ޑެފިސިޓް ފައިނޭންސް ކުރުމަށް ވެސް ދައުލަތުގެ ބަޖެޓުން އިތުރު ބުރައެއް އުފުލަން ޖެހޭނެ ކަމަށް އެސާކިއުލާގައި ބުނެފައި ވެއެވެ. މި ދަނޑިވަޅުގައި މިފަދަ ބުރައެއް އުފުލުމަކީ އެންމެ ރަނގަޅު ކަމެއް ކަމަށް ނުފެންނާތީ، ދައުލަތުގެ ހަރަދުތައް ކުޑަކޮށް އިގްތިސާދުކުރުމުގެ ވަގުތު ޖެހިފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.
އެ ސާކިއުލާގައިވާ ގޮތުން ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ގޮތަށް އެއްވެސް އާ މަގާމެއް ނުއުފެއްދުމަށާއި މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެންނަން އަންގާފަ އެވެ. އަދި އެއްވެސް އާ އެލަވެންސެއް މިއަހަރު ދޭން ނުފެށުމަށާއި މިނިސްޓްރީގެ ހުއްދަ ލިބިގެން މެނުވީ ޕްރޮމޯޝަން އަދި މުސާރައާއި އިނާޔަތްތަކަށް ބަދަލެއް އަންނާނެ ފަދަ ކަމެއް ނުކުރަން ވެސް އަންގާފަ އެވެ.
ރާއްޖެއިން ބޭރަށް ކުރާ ރަސްމީ ދަތުރުތަކުގެ ތެރެއިން ދަތުރުގެ ހުރިހާ ޚަރަދެއް ބޭރުގެ ފަރާތްތަކުން ދޭ ދަތުރުތައް ފިޔަވައި އެހެން ހުރިހާ ދަތުރުތަކެއް ހުއްޓާލުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ. އަދި ރާއްޖެތެރެއަށް ކަނޑުމަގުންނާއި ވައިގެ މަގުން ކުރާ ދަތުރުތަކުގެ ތެރެއިން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދުމަށް ވެސް އަންގާފައިވެ އެވެ.

