މި އަހަރުގެ ދިރާސީ އަހަރު އަންނަ ހަފްތާގައި ނިމި ބޮޑު ޗުއްތީ ފެށޭއިރު، އަންނަ ހަފްތާގެ މޫސުން ގޯސްވާނެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، އަންނަ ހޮނިހިރު ދުވަހުން ފެށިގެން އެ ހަފްތާތެރޭގައި މުޅި ރާއްޖެއަށް ކެރީގެ އަސަރުތައް ފޯރާނެ ކަަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އެ އޮފީހުން ބުންޏެވެ.
އެހެންކަމުން އަންނަ ހަފްތާ ބަންދަށް، ރާޅުތައް އާދައިގެ ވަރަކަށް ބޮޑުވާނެ ކަމަށާއި ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެއޮފީހުން ބުނެއެވެ.
“މިހާރު ވަރަށް ލައިޓްކޮށް މިއުޅެނީ، މިހާރަށްވުރެ [އަންނަ ހަފްތާގައި] އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ބޮޑަށް ލަފާކުރެވެނީ،” މެޓް އޮފީހުން ބުންޏެވެ.
މެޓުން ބުނީ، ރާއްޖޭގެ ހުރިހާ ހިސާބެއްގެ ކަނޑުތައްވެސް ފެންނަނީ ތަންކޮޅެއް ގަދަކޮށް ކަމަށާއި ޚާއްސަކޮށް ދެކުނަށް ވުރެ އުތުރާއި މެދު ރާއްޖެ ތެރެއަށް ތަންކޮޅެއް ކަނޑު ގަދަވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

