ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގައި ސަރުކާރުގެ ކުންފުނިތަކުގެ ދައުރު ވަރަށް ބޮޑު ކަމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ކަރަންޓުގެ ޚިދުމަތަކީ، ސާފުވައި ބޭނުންވާ ފަދައިން އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ނުލިބި އުޅުމަކީ މިއަދު ދަތިކަމެއް ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ވިދާޅުވީ، ސްޓެލްކޯއަށް މިބޮޑު ޒިންމާ އަދާކުރެވެމުން ދަނީ ވަރަށް ހީވާގި މަސައްކަތްތެރި ޓީމެއް އެކުންފުނީގައި އޮވެގެން ކަމަށެވެ. ރާއްޖޭގެ 35 ރަށެއްގައި ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުން ގެންދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ހީވާގި ޓީމެއް އުފެއްދޭނީ ވަރަށް ރަނގަޅު މެނޭޖްމަންޓެއް އޮވެގެން ކަމަށެވެ. އަދި މަސައްކަތާއި ޚިދުމަތުގެ އަގު ވަޒަންކުރުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ސްޓެލްކޯއިން ފެނިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ނައިބު ވިދާޅުވީ، ސަރުކާރުގެ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ރާއްޖޭގެ އެކިކަންކޮޅުތަކުން ފެންނަމުންދާކަމަށެވެ. މިގޮތުން ރައްޔިތުންނަށް ބޭނުންވާ އެންމެ އަސާސީ ކަންކަމުން ފެށިގެން ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ރެޔާއި ދުވާލު ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުން ވަރަށް ބުރަކޮށް މަސައްކަތްކުރަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

