2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ މިނިވަން ކެނޑިޑޭޓް އިއުލާންކޮށްފިއެވެ.
ރިޔާސީ ރޭހުގައި ވާދަކަރައްވަން ނިންމައި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ނުކުންނާނެ ކަމަށް އިއުލާންކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ޗެއާމަންކަން ކުރިން ކުރެއްވި ޑރ. އަބްދުﷲ ޝިހާމްއެވެ.
ޑރ.ޝިހާމް އަމިއްލަގޮތުން ރިޔާސީ އިންތިކާބުގައި 2023 ވަނަ އަހަރު ވާދަކުރައްވާނެކަން އިއުލާންކޮށްފައިވަނީ އޭނަގެ ސޯޝަލް މީޑީޔާ އެކައުންޓު މެދުވެރިކޮށެވެ.
އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ރައީސްކަމަށް ވާދަކުރައްވާނެކަން ޑރ. ޝިހާމް ހިމެނޭހެން ތިން މީހަކު މިވަނީ އިއުލާނުކުރައްވާފައެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީއޭގެ ލީޑަރު އަހްމަދު ޝިޔާމް (ސަން ޝިޔާމް) އެވެ.
ރިޔާސީ ރޭހުގައި ވާދަކުރައްވާނެކަން ކުރިން ދެ ފަހަރެއްގެ މަތިންވެސް ޑރ. ޝިހާމް އިއުލާނުކުރެއްވިއެވެ. އެންމެ ފަހުން 2018ގައިވެސް އެކަން އިއުލާނުކުރެއްވިއެވެ. ނަމަވެސް ފަހު ވަގުތު އެ ނިންމުމަށް ޑރ. ޝިހާމް ވަނީ ބަދަލު ގެންނަވާފައެވެ.

