ގދ.ގައްދޫގައި ގޭދޮށު މަސްފެކްޓަރީއެއް އެޅުމުގެ މަސައްކަތް ކުރިއަށްނުގޮސް ހުއްޓިފައި އޮތީ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ސަބަބުންކަމަށް ގައްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހާމެދު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބަހުސްކުރައްވަމުން ޒާހިރު ވިދާޅުވީ އެ ރަށުގައި ގޭދޮށު މަސްފެކްޓަރީއެއް އެޅުމަށް ބޭރުގެ އިންވެސްޓަރަކު ޝައުޤުވެރިކަން ފާޅުކުރުމުން އެ މަޝްރޫޢުގެ ބީލަން އިއުލާނުކޮށް ކައުންސިލުން އެ މަސައްކަތް އެ އިންވެސްޓަރާ ހަވާލުކުރަން ނިންމި ކަމަށެވެ.
އެހެން ނަމަވެސް އެ މަރުހަލާ ނިންމާފައިވަނިކޮށް ފިނޭންސް މިނިސްޓްރީން އެކަން އިކޮނޮމިކް މިނިސްޓްރީ ތެރެއިން ކުރިއަށްގެންދަން ކައުންސިލަށް އެންގި ކަމަށް ޒާހިރު ވިދާޅުވިއެވެ. އެ ހިސާބުން ފެށިގެން 8 މަސް ދުވަހުގެ މުއްދަތެއްގައި މިނިސްޓްރީ ތެރެއިން މަސައްކަތްކޮށްގެން އެންމެ ފަހުން އެ މަސައްކަތް ނިންމައި، ތިން ފަރާތް ޝާމިލުވެގެން އެއްބަސްވުމެއް އެކުލަވައިލި ކަމަށް އޭނާ ވިދާޅުވިއެވެ.
“ކީއްވެގެންތޯ؟ ސަރުކާރުގެ ބައެއް ވަޒީރުން ކައުންސިލަށް ނުފޫޒު ފޯރުވައިގެން. ޚާއްޞަކޮށް މި ޤައުމުގެ ފިއިނޭންސް މިނިސްޓަރު ކައުންސިލުގެ ރައީސަށް ނުފޫޒު ފޯރުވައިގެން. ތެދެއްމެ ކައުންސިލުގެ ރައީސް ހުންނެވީ މަޅިއެއްގައި ބެދިފައި. އެހެންވީމާ އެ ބޭފުޅާ ސަލާމަތްވާން ވަޒީރު ވިދާޅުވާހާ ގޮތެއް ހަދަމުން އެބަދޭ،” ޒާހިރު ވިދާޅުވިއެވެ.
ޒާހިރުވިދާޅުވީ، އެކަމަކީ ވަރަށް ދެރަ ކަމެއް ކަމަށާއި، އެކަމުން ގެއްލުން ލިބެނީ ގައްދޫ ރައްޔިތުންނަށް ކަމަށެވެ. ޒާހިރު ވަނީ އަމީރަށް ކުރައްވާ ތުހުމަތަކީ ކަނޑައެޅިގެން އެކަން އެނގިވަޑައި ހުންނަވައި ކުރައްވާ ތުހުމަތެއް ކަމަށެވެ.

