ގދ.ގައްދޫގައި ގޭދޮށު މަސް ޕްލާންޓުގެ މަސައްކަތް ހުއްޓުވުމަށްޓަކައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ގައްދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސްފެކްޓްރީގެ މަސައްކަތަށް ފިނޭންސް މިނިސްޓްރީން އެއްވެސް ހުރަހެއް އަޅާފައި ނުވާނެ ކަމަށް މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ އަމީރު މިހެން ވިދާޅުވީ ސަރުކާރުން ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމް މަސައްކަތް ކުރަމުންދާ ގޭދޮށު މަސް ޕްލާންޓުގެ ތެރެއިން ގައްދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ، ގޭދޮށު މަސްޕްލާންޓުގެ މަސައްކަތް ކުރިއަށް ނުދާ ސަބަބު ސާފުކޮށް ދެއްވުމަށް ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވި ސުވާލުގެ ޖަވާބުގައެވެ.
އެސިޓީގެ ޖަވާބުގައި މިނިސްޓަރ ވިދާޅުވެފައިވަނީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކުރާ ގޮތުގެ މަތީން ޕްރޮކިއުމަންޓެއްގެ އަގު 5 މިލިޔަން ރުފިޔާއަށް ވުރެ ބޮޑުނަމަ އެކަމެއް ކުރުމަށް ހުއްދަ ދޭނީ ޓެންޑަަރ ބޯޑަށް ހުށަހަޅައި އެބޯޑުން ނިންމާ ގޮތެއްގެ މަތީންކަމަށާއި ގައްދޫ ކައުންސިލުން ކުރިއަށް ގެންދިޔަ ގޭދޮށު މަސްޕްލާންޓް ހަދައި އަދި ހިންގާނެ ފަރާތެއް 17 ޑިސެމްބަރު 2020 ގައި ކުރި އިއުލާނާއި ގުޅިގެން ޕްރޮކިއުމަންޓް މަރުހަލާ އަދި އެކަމާއި ގުޅޭ އެއްވެސް ކަމެއް ފިނޭންސް މިނިސްޓްރީގެ ފަރާތުން ކޮށްފައި ނުވާނެކަމަށެވެ.
ގައްދޫގައި ގާއިމް ކުރުމަށް ހަމަޖެހިފައިވާ ގޭދޮށު މަސް ޕްލާންޓްގެ މަސައްކަތް ކުރުމަށްޓަކައި މިހާރު ކުރެވެމުންދަނީ ޑެންޑަރިންގެ މަރުހަލާއެވެ. ގޭދޮށު މަސް ޕްލާންޓް ގާއިމް ކުރުމަށްޓަކައި ކައުންސިލުންވަނީ ބިންވެސް ކަނޑައަޅާފައެވެ.
މަޖިލީހުގައި މިދިޔަ ހަފްތާގައި ވާހަކަ ދައްކަވަމުން އަހުމަދު ޒާހިރު ވިދާޅުވެފައިވަނީ މިމަސައްކަތަށް ފިނޭންސް މިނިސްޓަރ ކައުންސިލް ރައީސަށް ނުފޫޒް ފޯރުވުމުން ކައުންސިލް ރައީސް ހުރީ މަޅިއެއްގައި ބެދިފައި ކަމަށާއި ކައުންސިލްގެ ރައީސް މަސައްކަތް ކުރައްވަމުންދަނީ މިނިސްޓަރ އަމީރު ބުނާހާ ގޮތަކަށް ކަމަށެވެ.
މީގެއިތުރުން ޒާހިރު ވިދާޅުވީ ބޭރުގެ އިންވެސްޓަރުން ޝައުގުވެރިވެގެން މަސްފެކްޓްރީއެއް އަޅަން ހުށަހެޅުން ކައުންސިލް ބިޑްކޮށްގެން އެމީހުންނަށް އެކަން ކާމިޔާބު ވުމުން ދެން ސަރުކާރުން ކައުންސިލް ތެރެއަށް އަތްބާނައިގެން ނުފޫޒު ފޯރުވައިގެން އެބިޑް ފޮނުވާލީ އިކޮނޮމިކް މިނިސްޓްރީއަށް ކަމަށެވެ. މިގޮތަށް 8 މަސްދުވަހު ކައުންސިލާއި، އިންވެސްޓަރުންނާއި ދެމެދު މިކަން ހިނގައިދިޔަފަހުން، އެގްރީމަންޓް ތައްޔާރުކޮށް އެލްޖީއޭގެ ހުއްދައާއިއެކު މަސައްކަތް ފެށުމަށް ކޮންޓްރެކްޓް ކުރަން އުޅުމުން ސަރުކާރުގެ ނުފޫޒުން ކައުސިލް އެންގީ ބިޒްނަސް ރަޖިސްޓްރީ ކޮށްގެން އައުމަށްކަމަށެވެ. އެކަން ކޮށްގެން ކޮންޓްރެކްޓަރު އައުމުންވެސް އަދިވެސް އިތުރަށް މަޝްވަރާ ކުރަންޖެހޭ ކަމަށްބުނެ މަސައްކަތް ހުއްޓުވާފައިވާކަމަށް އަހުމަދު ވިދާޅުވިއެވެ.
އެހެންކަމުން ގައްދޫ ރައްޔިތުންނަށް އެލިބޭ ގެއްލުމުގައި ފިނޭންސް މިނިސްޓަރު ޒިންމާ ނަގަންޖެހޭނެ ކަމަށް ޒާހިރު ވަނީ ވިދާޅުވެފައެވެ.

