މާލޭގެ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތަކުގެ އާބާތުރަ ފިލުވައި ހުކުރު މިސްކިތް ރީތިކުރުމުގެ އަމަލީ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް މިއަދު މިވަނީ ފަށާފައެވެ.

ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތަކުގެ އާބާތުރަ ފިލުވައިލުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
2019، 2020 އަދި 2021 ގައިވެސް ސްޓެކްލޯގެ ފަރާތުން މި މަސައްކަތްވަނީ ކޮށްދެއްވާފައެވެ. ދެމެހެއްޓެނިވި ގޮތެއްގައި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކުންފުނިތަކުގެ ދައުރު ބޮޑުކަން ފާހަނގަކޮށް، ސަގާފީ ތަރިކަ ހިމާޔަތްކުރުމުގައި ސްޓެކްލޯގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ސްޓެލްކޯއަށް ޝުކުރު އަދާކޮށްފައެވެ.
މި މަސައްކަތް މިދިޔަ ހޮނިހިރު ދުވަހު ފަށަން ހަމަޖެހިފައިވީނަމަވެސް މޫސުން ތަން ނުދޭތީ އެ މަސައްކަތް ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ.
ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނާގޮތުން މުންނާރު ރީތި ކުރުމަށްޓަކައި ކުލަ އާއި ދަވާދު ބޭނުން ކުރުމަކީ އެތަނަށް ގެއްލުންވާ ކަމަކަށް ވާތީ އެކަމަށް މިހާތަނަށް ބޭނުން ކުރަމުން އަންނަނީ އުވަ އެވެ. އެކަމަކު އުވައަކީ އިމާރާތެއްގައި ލުމަށް ފަހު އަވި ނުލިބޭ ނަމަ ނުހިކޭ އެއްޗެއް ކަމަށާއި އަދި މުންނާރުގައި އުވަލުމަށްޓަކައި ތެތްކަމެއް ނެތި ޖަހާ އުވަ ހިކުމަށްޓަކައި ވެސް ވަގުތު ބޭނުންވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މުންނާރަކީ ގިނަ ދުވަސްވީ އާސާރީ ތަރިކައެއް ކަމަށްވާތީ އެތަނުގެ ބޭރުން ތަކެތި ވިއްދުން ފަދަ ކަންކަމުން އެތަނަށް ގެއްލުންވާނެ ކަމަށާއި އެއީ އެ މަރުކަޒުން އަމަލުކުރާ އުސޫލުތަކާ ޚިލާފް ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ. ހިރި ގަލާއި އުވައިން ބިނާ ކޮށްފައިވާ މުންނާރަކީ 300 އަހަރުވާން ގާތްވެފައިވާ ތަނެކެވެ.