ހިތާނީ ސީޒަން ފެށެން ގާތްވެފައި ވާއިރު، ހިތާނު ކުރާ ކުދިން ބޮޑެތި ހޯލްތަކުގައި ބޭތިއްބުމުގެ ބަދަލުގައި އަމިއްލަ ގޭގައި ބޭތިއްބުމަށާއި ހިތާނުކޮށްފައި ތިބޭ ގިނަ ކުދިން ބައިތިއްބަންޏާ އެއްއާއިލާއެއްގެ ކުދިން ބޭތިއްބުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން މިގޮތަށް އިލްތިމާށްކޮށްފައި މިވަނީ މެދުކެނޑުމަކަށްފަހު އަނެއްކާވެސް ކޮވިޑް-19 ގެ ކޭސްތައް ރާއްޖޭގައި އިތުރުވަމުންދާތީ އެކަމަށް ރައްކާތެރި ފިޔަވަޅެއް އެޅުމުގެ ގޮތުންނެވެ.
އެޗްޕީއޭއިން ބުނީ، ކޮވިޑްގެ މި ހާލަތުގައި ހިތާން ކުރުމާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށާއި، ހިތާނީ ހަރަކާތް ބާއްވާ ތަންތަނުގައި މާސްކް އަޅަން ވާނެ ކަމަށެވެ.
ހިތާނު ކުރުމުގެ ހަރަކާތްތައް ބޭއްވުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލެއް އެޗްޕީއޭއިން އާންމުކޮށްފައިވާއިރު، ސަމާލުކަންދޭން ޖެހޭ ކަންތައްތަކުގެ ތެރޭގައި:
- ހިތާން ކުރާ ގިނަ ކުދިން އެކުގައި އެއްތަނެއްގައި (ބޮޑެތި ހޯލް ފަދަ ތަންތަނުގައި) ނުބޭތިއްބާ، އަމިއްލަ ގޭގައި ކުދިން ބޭތިއްބުމުގެ އިންތިޒާމް ހަމަޖެއްސުން
- އެއް ކުއްޖަކަށް ވުރެ ގިނަ ކުދިން އެއް ގެއެއްގައި ބައިތިއްބާ ނަމަ އެއްގެއެއްގައި އެއްކޮށް ދިރިއުޅޭ ކުދިން ނުވަތަ އެއް އާއިލާއެއްގެ ކުދިން ބޭތިއްބުން
- ކުދިން ބައިތިއްބާ ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމާއި މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓޭ ގޮތަށް އިންޒާމް ހަމަޖެއްސުން
- ކޮވިޑްގެ އަލާމަތް ހުރިނަމަ އެގޭ ގެއަށް ޒިޔާރަތް ނުކުރުން އަދި ގެއަށް ޒިޔާރަތްކުރާއިރު ރައްކަތެރިކަމުގެ ފިޔަވަޅުތައް އެޅުން.
- ގެއަށް ޒިޔާރަތްކުރާ މީހުން ގިނަ އިރު އެގޭ ގޭގައި ގިނަ އިރު މަޑުނުކުރުން
- ގިނަ މީހުން އެއްފަހަރާ ގެއަށް ޖަމާނުވާނެ ގޮތަށް އިންތިޒާމް ހަމަޖެއްސުން
- ގިނަ މީހުން އެއްވާ ގޮތަށް ޕާޓީތަކާއި މިއުޒިކް ޝޯ ފަދަ މުނިފޫހިފިލުވުމުގެ ހަފްލާތައް ނުބޭއްވުން
މީގެ އިތުރުންވެސް ކޮންމެ ދުވަހަކު އެއް ފަހަރު މުޅި ގެއާ ފާހާނާ ސާފު ކުރުމާއި، އާންމުން އަތްލާ ތަންތަން، މޭޒާއި ގޮނޑިއާއިދޮރުގެ ތަޅާއި، ކަބަޑާއި ފާހަނާ އިސްކުރު ފަދަ ތަންތަން ދުވާލަކު މަދުވެގެން ދެ ފަހަރު ސައިބޯނި ފެން ފޮތިގަނޑަކުން ސާފު ކުރުމަށް ވެސް އެ އުސޫލުގައި ބުނެއެވެ. އަދި ކެއުން ބުއިމަސް ބޭނުން ކުރާ ތަށި ސަމސާ ފަދަ ތަކެތި އެކަކު ބޭނުން ކުރުމުން ރަނގަޅަށް ސައިބޯނި ލައިގެން ދިވުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

