އެއްޖިންސުން ގުޅުން ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ދިނީ އިލްމުވެރިޔާ ޝެއިޚް ޢަލީ ޒައިދު ގޮވާލައްވައިފިއެވެ.
ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރުކަމަށް ތުހުމަތު ކުރެވޭ މީހަކު އިތުރު ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދުވަނީ އާންމު ވެފައެވެ. އެ ވީޑިއޯއާއި ގުޅިގެން ނާޒިމަށް ހަރުކަށި އަދަބު ދިނުމަށް ގިނަބަޔަކު ގޮވާލަމުން ދަނިކޮށް ޝެއިޚް ޢަލީ ޒައިދު މިއަދު ވިދާޅުވީ، އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް ފިޔަވަޅު އެޅުން އަވަސްކުރުމަށް ގޮވާލައްވާ ކަމަށެވެ. އަދި އިސްލާމްދީނުގައި ނިކަމެތިމީހާ އާއި ބޮޑުމީހާވެސް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭނެ ކަމަށާ، އެކަމާމެދު ވެރިންނާ ސުވާލުވެވޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ޝެއިޚް އިތުރަށް ވިދާޅުވީ، އެފަދަ ކުށްވެރިން ވަގުވަގަށް ފުރުވާލުމުގެ ސަގާފަތްވެސް ނިމުމަކަށް ގެންނަން ޖެހޭކަމަށެވެ. ޝެއިޚް މިފަދައިން ވިދާޅުވެފައިވަނީ، މިފަހުން ކީރިތި ރަސޫލާއަށް ފުރައްސާރަކުރި ދިވެހި ޒުވާނަކު ސަރުކާރުން ރާއްޖޭން ބޭރަށް ފުރުވާލި ކަމުގެ ތުހުމަތު އިދިކޮޅު ގިނަ ބަޔަކު ކުރަމުން ދަނިކޮށެވެ.
މިއަދު ލީކުވެގެން އުޅޭ ވީޑިއޯއާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ އެކަމުގައި އުޅުނު އެންމެނަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައްވަމުންނެވެ. އެގޮތުން، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވެސް ވަނީ، ދިވެހި މުޖުތަމައު ފަސާދަކުރާ އެފަދަ އަމަލުތައް ހިންގާ ފަރާތްތަށް ގާނޫނީ އަދަބު ދިނުމަށާއި އެކަމުގައި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބެލުމަށް ދިވެހި ފުލުހުންނަށް ގޮވާލައްވާފައެވެ.

