ކޮވިޑް ޖެހިގެން ދިވެހި ފިރިހެން ޒުވާނަކު ނިޔާވެއްޖެ ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން ހާމަކުރި ގޮތުގައި ކޮވިޑް-19 ޖެހިގެން ނިޔާވެފައިވަނީ އުމުރުން 20 އަހަރުގެ ނ. ކުޑަފަރީ ޢަނާން ބިން އަބޫބަކުރެވެ. އެޒުވާނާ ނިޔާވެފައިވަނީ ކޮވިޑް ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ރޭ 12 ޖަހާކަންހާއިރުގައެވެ. އަދި ރޭ ފަތިހު ހުޅުމާލޭ ސަހަރާ މިސްކިތުގައި ވަނީ ކަށުނަމާދު ކުރެވިފައެވެ.
ރާއްޖޭގައި އަނެއްކާވެސް ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ އެޗްޕީއޭއިން ވަނީ ޗުއްޓީތެރޭގައި ދަތުރު ފަތުރުކުރުމުގައި ސަމާލުވުމަށާއި މާސްކު އެޅުމަށް އިލްތިމާސްކޮށްފައެވެ. މިދިޔަ އަންގާރަ ދުވަހުވެސް ކޮވިޑް ޖެހިގެން އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ނިޔާވެފައެވެ. އެހެންކަމުން މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު މިވަނީ 302 އަށް އަރާފައެވެ.
ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް ޖޫން މަހުގެ ދެ ވަނަ ހަފްތާއާއި އަޅާބަލާއިރު ތިންވަނަ ހަފްތާގައިވަނީ %185މައްޗަށްގޮސްފައެވެ. މީގެ އިތުރުން ކޯވިޑްޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާމީހުންގެ އަދަދު އިތުރުވެފައިވާ މިމަހުގެ ތެރޭގައި މި ބަލި ޖެހިގެން 4 މީހުން ނިޔާވެފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

