(މިއީ މަސްތުވާ ތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރީހެބިލިޓޭޝަން ސެންޓަރ (ޑީޑީސީއާރުސީ)ން ތައްޔާރުކޮށްފައިވާ އާޓިކަލެކެވެ.)
ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 26ވަނަ ދުވަހަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން މަސައްކަތްކުރުން ފާހަގަކުރާ ދުވަހެވެ. މިދުވަސް ފާހަގަކުރަން ކަނޑައަޅާފައިވަނީ 7 ޑިސެމްބަރ 1987ގައި ބޭއްވުނު ޑަބްލިއު.އެޗް.އޯގެ އަހަރީ އާއްމު ޖަލްސާގައެވެ. އެގޮތުން މިދުވަހަކީ މުޅިދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް އިޖުތިމާޢީ މައްސަލަ ކަމުގައިވާ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ދުނިޔޭގެ ފެންވަރުގައި ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ދުވަހެކެވެ.
މަސްތުވާތަކެއްޗަކީ ގުދުރަތީގޮތުން އުފެދިފައިވާ ނުވަތަ އުފައްދާފައިވާ ކެމިކަލް މާއްދާއެއް އެކުލެވޭ އެ ބޭނުންކުރުމުން ނުވަތަ ހަށިގަނޑަށް ވާޞލްވުމަށްފަހު މީހާގެ ވިސްނުމާއި ފިކުރަށް، އިޙުސާސްތަކަށާއި ފެނުމަށް އަދި އަމަލާއި ހަރަކާތްތަކަށް ބަދަލުގެނުވާތަކެއްޗެވެ. މަސްތުވާތަކެތީގެ މައްސަލައަކީ ހައްލުކުރަން ގޮންޖެހުންތައް ބޮޑު އަދި ހުރަސްތައް އެހާމެ ބޮޑުމައްސަލައެކެވެ. މި މައްސަލަ ދިވެހިރާއްޖޭގައި ފުޅާވެފައިވާއިރު، އެކަން ހުއްޓުވުމަށް މިމުޖުތަމަޢުގައި ކުރެވެމުން އަންނަ މަސައްކަތްތަކަށް ނަޒަރު ހިންގާލުމަކީ ގޯހަކަށްނުވާނެއެވެ. ދިވެހިރާއްޖެގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމާއި، މަސްތުވާތަކެތި ބެނުންކުރާ މީހުންނަށް ފަރުވާދިނުމުގެ މަސައްކަތް އަންނަނީ ކުރެވެމުންނެވެ. މިމަސައްކަތަކީއަބަދު ތަރައްޤީވެ، އައު ހޯދުންތަކާއި އެވިޑެންސް ބޭސްޑްއެޕްރޯޗް ބޭނުންކުރަމުން ގެންދަންޖެހޭ މަސައްކަތެކެވެ. މިފަދަ މައްސަލަތަކަކީ އެއިރެއްގައި އޮންނަ ސަރުކާރުން ކުރައްވާ ކަމެއްގެ ގޮތުގައި އޮތުމުގެ ބަދަލުގައި ދަޢުލަތުގެ އިދާރާތަކާއި އާންމު ފަރުދުންނާއި މުޅި މުޖުތަމަޢު ބައިވެރިވާންޖެހޭކަމެކެވެ.
މަސްތުވާތަކެތި ބޭނުންކުރުމުގެ ސަބަބުން ލިބޭ ގެއްލުންތައް ވަރަށްވެސް ބޮޑެވެ. މީގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި އާއިލާތަކަށް އެކަންޏެއްނޫނެވެ. ޤައުމުގެ އިޖުތިމާޢީ ފޭރާން ހަލާކުވެ، ދީނީ ގޮތުންނާއި ރޫޙާނީ ގޮތުން، އިޖުތިމާޢީގޮތުން، ނަފްސާނީގޮތުން، ޖިސްމާނީގޮތުން، ސިއްޙީގޮތުން އަދި ޤާނޫނީ ގޮތުންވެސް ގެއްލުންވެއެވެ. މަސްތުވާތަކެތި ބެނުންކުރުމަކީ އޭގެ ސަބަބުން އަމިއްލަ މީހާގެ ކޮންޓްރޯލް ގެއްލި، އެއަށް އަޅުދާސްތުވެ، އަކަމުން ސަލާމަތްވުމަށް އުދަގޫކަމެކެވެ. އެކަހަލަ ހާލަތެއްގައި އެކަމުން ސަލާމަތްވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެއެވެ. މިކަމަށް އެކަށީގެންވާ ރަނގަޅު މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ ކުރިއަށް އޮތް އަހަރުތަކުގައި ބަލި މީހުން އިންތިހާއަށް ގިނަވެ “މެންޓަލް ކްރައިސިސް” އެއް ރާއްޖެއަށް ކުރިމަތިވެދާނެކަމުގެ ބިރު ނުހަނު ބޮޑެވެ.
މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާން ޖީލު ނުރައްކަލަށް ހުށަހެޅެމުންދާއިރު މިކަމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން އިތުރު ހިތްވަރާއިއެކު މަސައްކަތްތަކެއް ކުރަންވަނީ ޖެހިފައެވެ. ގޭތެރެއިން ފެށިގެން ރިހެބިލިޓޭޝަން ސެންޓަރާއި ހަމައަށް، އަދި ރިހެބިލިޓޭޓް ވުމަށްފަހު މުޖުތަމަޢުއަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ އައުމަށްފަހުވެސް، އެމީހަކީ މުޖުތަމަޢު ބަލައިގަންނަ މީހަކަށް ހެދުމަށް އަޅުގަނޑުމެން އެންމެންވެސް މަސައްކަތްކުރަން ޖެހެއެވެ.
މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއިލާތަކުން އެކަހެރިކޮށްނުލާ އެކަމުން ދުރުހެލިކުރެވޭނީ ފުރިހަމަ މަޢުލޫމާތު ލިބިގެންނެވެ. އާއިލާގެ ތެރެއިންނާއި، އެކިއެކި ފަންނީ ފަރާތްތަކުންނާއި އަދި އިދާރާތަކުންވެސް މަޢުލޫމާތު ލިބިގެންނެވެ. މިވަބާގައި ޖެހިފައިވާ މީހުނަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ މީހުންގެ ގޮތުގައި އެނބުރި މުޖުތަމަޢުއަށް ނެރުމަކީ ބުރަ އަދި އެހާމެ ހުރަސްތައް ގިނަ މަސައްކަތެކެވެ. ފަރުވާ ބޭނުންވާ ގިނަ ފަރާތްތަކެއް ފަރުވާގެ އިންތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި ފަރުވާއާއި ހަމައަށް ވާސިލްވުމަށް ކަމަށް އެކަށީގެންވާ ހުރިހާ ދާއިރާތަކުން ގުޅިގެން މަސައްކަތް ކޮށްފިނަމަ އިތުރު ކަމިޔާބުތަކެއް ލިބިގެންދާނެއެވެ. މިކަމުގައި ނެޝަނަލް ޑްރަގް އޭޖެންސީއާއި، ސިއްޙީ ފަރުވާދޭ މަރުކަޒުތަކާއި، ފުލުހުން އަދި އަމިއްލަ ޖަމްޢިއްޔާތަށް ގުޅިގެން މަސައްކަތްތަކެއް ކުރެވިއްޖެނަމަ އެކަމުން ލިބޭ ނަތީޖާ މިހާރަށްވުރެ އެތައްގުނައެއް ރަނގަޅުވާނެއެވެ. އަދި އަތޮޅުތަކުގައި ފަރުވާދޭ ސެންޓަރުތައް މިހާރަށްވުރެ އިތުރުކޮށް އަތޮޅުތެރޭ ކުދިންނަށް ފަރުވާދެވޭނެ ފަސޭހަ ނިޒާމެއް ޤާއިމްކޮށްފިނަމަ މިކަމުން ވަރަށް ރަނގަޅު ނަތީޖާއެއް ނުކުމެދާނެއެވެ.
މިފުރުސަތުގައި، މަސްތުވާތަކެއްޗާއި ދެކޮޅަށް ބައިނަލްއަޤްވާމީ ގޮތުން މަސައްކަތްކުރުން ފާހަގަކުރާ ދުވަހުގެ މުނާސަބަތުގައި، މި ނުރައްކާތެރި ވަބާއިން މުޖުތަމައު ސަލާމަތްކުރުމުގެ މަސައްކަތުގައި ޝާމިލްވާ އެންމެހައި ފަރާތްތައް ކުރައްވަމުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކޮށް އިޙްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަމެވެ. އެންމެން ގުޅިގެން ކުރެވޭ ހަރުދަނާ މަސައްކަތްތަކުން މަސްތުވާތަކެތީގެ ނުރައްކާ މުޅި ޤައުމުން ނައްތާލެވިދަނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

