ފާހިޝް ފިލްމުތައް ކުޅެގެން އެމްޑީޕީއަށް އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު ނާޅާތީ ހައިރާންވާކަމަށް މިސަރުކާރުގެ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރ މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައިމިވަނީ އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުން ބަރަހަނާވެފައިވާ ފޮޓޯއާއި ވީޑިއޯ އާންމުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ފާޑުވިދާޅުވަމުންނެވެ.
މަލީހު ވިދާޅުވީ، ފާހިޝް ޤާނޫނު އަސާސީއާއި ޚިލާފު ފިލްމުތައް އެމްޑީޕީގެ އިސް މެމްބަރުން ކުޅުނީމަ އިލެކްޝަންސް ކޮމިޝަނުން އެކަމަށް ފިޔަވަޅު އަޅާނެ ވާހަކަ ނުބުނާތީ ހައިރާންވެއްޖެކަމަށެވެ. މަލީހު ވަނީ ޕީޕީއެމުން ކަމެއް ކުރާއިރަށް ފިޔަވަޅު އަޅާނެކަމަށް އިންޒާރުދީ ބަޔާން ނެރޭކަމަށް ވިދާޅުވެ އެމްޑީޕީއަށް އޯޕެން ލައިސަންސްއެއް ތޯ ސުވާލުކުރައްވާފައެވެ.
މަލީހު މިހެން ވިދާޅުވެފައިމިވަނީ، ބައިނަލްއަޤްވާމީ ޔޯގާ ދުވަހާއި ގުޅިގެން ހިންގި ހަމަނުޖެހުންތަކުގެ ތުހުމަތުގައި ޕީޕީއެމްއަށް ފިޔަވަޅު އަޅަންޖެހިއްޖެނަމަ އެކަން ކުރާނެކަމަށް އީސީން ބުނެފައިވަނިކޮށެވެ.
އެމްޑީޕީގެ ބައެއް އިސް ފަރާތްތަކުގެ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯ އަދި އެއްޖިންސުން ގުޅުންހިންގާ ވީޑިއޯތަކެއް ދައުރުވަމުން ދިއުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމްޑީޕީއަށް އަމާޒުވެފައެވެ.

