ގދ.އަތޮޅުގައި ތަރައްޤީ ކުރަން ފަށާފައިވާ ދެރިސޯޓެއްގެ މަސައްކަތް ހުއްޓާލާފައިވާ މައްސަލައިގައި ކޮންމެވެސް އެއްގޮތަކަށް ނިންމާ އެރިސޯޓްތަކުން ގދ.އަތޮޅުގެ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭނެ ގޮތަކަށް ހަމަޖައްސައިދިނުމަށް ފަރެސްމާތޮނޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒް ގޮވާލައިފިއެވެ.
އިމްތިޔާޒް ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ ގދ.އަތޮޅުގައި ތަރައްޤީކުރަން ފަށާފައި، މަސައްކަތް ހުއްޓާލާފައި އޮތް ދެރިސޯޓް ކަމަށްވާ ގދ. ލޮނުދު ހުއްޓާ އާއި ގދ. އަތޮޅު ގައި ހަދަން ފެށި ނުނިމިވާ ޖާބިރުގެ ވަޓެވަށްރެހާ އެހެން އޮންނަތާ މިހާރު 15 އަހަރަށް ވުރެ ގިނަވެފައިވާ ކަމަށެވެ. އަދި ލޮނުދު ހުއްޓާ ރިސޯޓެއް ގޮތައް ތަރައްގީ ކުރުމަށޭ ކިޔައިގެން ބަޔަކު ހިސޯރު ކޮށްފަ އޮންނަތާ އެތައް އަހަރެއް ވެއްޖެ ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.
އެހެންކަމުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން މިރަށްތަކުގެ މައްސަލަ ކޮންމެވެސް ކޮޅެއްގައި ޖައްސާ، މިފަރާތް ތަކުގެ އަތުން މިަރަށްތައް އަތުލައި އެހެން ބަޔަކަށް ދިނުމަށާއި މިމައްސަލަ މަޖިލީހަށް ވައްއަދައިގެން ނަމަވެސް ކޮޅެއްގައި ޖައްސައި ދިނުމަށް މިއަތޮޅުގެ މަޖިލިސް މެންބަރުންނަށް އިމްތިޔާޒް ވަނީ ގޮވާލާފައެވެ. އަދި މިފަދަ ބޮޑު މައްސަލައަކާއި މެދު ސަރުކާރުތަކުން އަޅާނުލާ ދެލޯމަރައިގެން ތިބޭތީ ހިތާމަ ކުަރާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ.
މީގެއިތުރުން މިރިސޯޓްތައް އަވަހަށް ހެދި ގދ.އަތޮޅުގެ ރައްޔިތުންނަށް މިކަމުގެ ލާބަޔާއި މަންފާ ލިބޭނެ ގޮތް ވުމީ ގދ. އަތޮޅުގެ ރައްޔިތުން ނުހަނު އެދޭ ކަމެއް ކަމަށާއި ގދ. އަތޮޅުގެ އެންމެރީތި ފަޅުރައްތައް މިގޮތައް ބަޔަކު ހިސޯރުކޮށްގެން އިރަށްދައްކައިގެން އެއްވެސް ކަމެއް ނުކޮށް ބާއްވަން ދޫކޮށްގެން ނުވާނެ ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ.

