އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާނަކާއި އެ ޕާޓީގެ ވެރިއަކު އިސްލާމްދީނަށް އަދި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ދެއްކި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ދީނަށް ފުރައްސާރަކުރި މައްސަލަ މަޖިލީހަށް ހުށަހަޅާފައިނުވާ ކަމަށާއި ދީން ހަތިޔާރަކަށް ހަދައިގެން ސިޔާސީ ފައިދާއެއް ހޯދުމަށް މަޖިލީހުގައި ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގަތެވެ. އަދި އެފަދައިން ކަންކުރުމުން ގެއްލުން ހުރިހާ ދިވެހިންނަށް ވެސް ވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ދީނަށާއި ރަސޫލަށް ފުރައްސާރަކުރި މައްސަލަ މަޖިލީހުން ބަލައިނުގަތް ކަމަށް ވިދާޅުވެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވަނީ ފާޑުވިދާޅުވެފައެވެ. އެހެންނަމަވެސް އެފަދަ މައްސަލައެއް ހުށަހެޅިފައިވޭތީ މަޖިލީހުގެ ސެކްރެޓިއޭޓުން ސާފު ކުރެއްވުމަށް ފަހު ވެސް ނަޝީދު ވަނީ އެފަދަ މައްސަލައެއް މަޖިލީހަށް ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވެފައެވެ.އެހެންކަމުން އެ ބާވަތުގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.
ނަޝީދު ހައްދަވަނީ އިތުރުފުޅެއް ކަމަށް މުޙައްމަދު ސަޢީދު ވަނީީ ވިދާޅުވެފައެވެ. ސަބަބަކީ 6 ޖޫން 2022 ވަނަ ދުވަހު އެމައްސަލަ މަޖިލީހަށް ހުށެޅީ އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. އަދި ނުފެންނަ ކަމަށް 33 މެމްބަރުން ވޯޓު ދެއްވައިފައިވެއެވެ.
މި ބިލާ ދެކޮޅަށް ވޯޓް ދިން މެންބަރުންގެ ފޮޓޯއާ އެކު މީސްމީޑިއާގައި ޕޯސްޓަރުތައް ވެސް ވަނީ އާއްމުކޮށްފައެވެ. އަދި ގިނަ ބައެއްގެ ނުރުހުންވުން ވަނީ އަމާޒުކޮށްފައެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައަކީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމާ ދެކޮޅަށް ހުށަހެޅި މައްސަލައެއް ނޫން ކަމަށާއި އެއީ ސަރުކާރާ ދެކޮޅަށް ރައްޔިތުންނަށް އޮޅުވައިލުމުގެ މަގްސަދުގައި ހުށަހެޅި މައްސަލައެއް ކަމަށެވެ.

