ހެއްކާ ބެހޭ ބިލް އިސްލާޙު ކުރުމަށް ގޮވާލާ ނޫސްވެރިން އިޙްތިޖާޖު ކުރަން ފަށައިފިއެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީި ރައްޔިތުންގެ މަޖުލީހަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ބެހޭ ބިލުގެ 136 ވަނަ މާއްދާ އިސްލާޙުކުރުމަށް ގޮވާލާ މަޖިލިސް ކުރިމަތީގައި ނޫސްވެރިންގެ އިހުތިޖާޖެއް ފަށާފައިވާ ކަމަށެވެ. ހެއްކާއިބެހޭ ބިލުގެ 136 ވަނަ މާއްދާ، (މަސްދަރު ހާމަކުރުމާބެހޭ މާއްދާ)ހައި ވާ ގޮތުން ވަކި ހާލަތްތަކެއްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެއެވެ.
ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާއަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށްވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. އަދި ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ ކަމަށްވެސް އެ ބިލުގައި ވަނީ ބުނެފަ އެވެ.
މިބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީއެވެ. އަދި މިބލަށް ވޯޓު ނެގުން އޮންނާނީ މިއަދުއެވެ.

