ރާއްޖޭގެ ދެކުނަށް އުދަ އަރައި ގެއްލުން ވަމުންދާ ރަށްތަކުގެ ތެރެއިން ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކުން އެހެން ރަށް ރަށާއި އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ރަށުގެ ބޮޑު ބަޔަކަށް އުދަ އަރައި ލިބެމުންދާ ގެއްލުން ތަކުން އަރައި ގަނެވޭތޯ އެހީތެރިކަމަށް އެ ދެމުންދާ ރަށްތަކަކީ ގދ މަޑަވެލީ ، ހޯނޑެއްދޫ ، ފިޔޯރީ އަދި ރަތަފަންދޫއެވެ.
މި 4 ރަށަކީވެސް ރަށު ތެރެއަށް ރާޅު އަރައި ގޯތިގެދޮރަށާއި ގޮވާން ދަނޑު ތަކަށް ވަރަށް ބޮޑަށް ގެއްލުންވެ އަދި މިހާރުވެސް ގެއްލުން ވަމުންދާ ރަށްތަކެވެ.
ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ރަތަފަންދޫ ރައީސް މުޙައްމަދު ޢަބުދުﷲ މިއަދު ވިދާޅުވީ އެ ރަށުގެ ބޮޑު ބަޔަކަށް އުދަ އަރައި ގެއްލުން ވަމުންދާ އިރު ބައެއް ގެތަކުގައި ހުރި ހިފާގެންގުޅޭ ސާމާނާއި ފަރުނީޗަރާއި ސިމެންތި ބަސްތާ ފަދަ ތަކެތި އެއްކޮށް ހަލާކުވެފައިވާ ކަމަށާއި ދަނޑު ބިންތައްވެސް ހަލާކުވެފައިވާ ކަމަށެވެ.
ރައީސް މުހައްމަދު އިތުރަށް ވިދާޅުވީ މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ޙާލުގައި ޖެހިފައިވާ މީހުންނަށް އަޅާލާނެ ގޮތެއް ކަމަށާއި އެގޮތުން ތަކެއްޗާއި ފައިސާގެ އެހީ ވެސް ބޭނުން ވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މަޑަވެލީ ރައީސް ފިޔާޒް ޙަސަން ވިދާޅުވީ މި ޙާލަތުގައި ރަށް ހިމާޔަތް ކުރުމުގެ ގޮތުން ރައްޔިތުން ގުޅިގެން ކުރަމުންދާ މަސައްކަތް ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށް ހިތްވަރުދޭ ކަމަށާއި އުދަ އަރައި ލިބެމުންދާ ގެއްލުން ތަކަށް އާންމުންގެ އިތުރު އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ގދ.މަޑަވެލި ހޯޑެއްދޫގެ ހާލަތު ބެއްލެވުމަށް އަތޮޅު ކައުންސިލްގެ ރައީސް ކުރެއްވި ދަތުރުގެ ތެރެއިން- ފޮޓޯ: އަތޮޅު ކައުންސިލް އިދާރާ
އަޅުގަނޑު ވާނީ ރައީސް ސޯލިހް އަދި ނައިބު ރައީސް ފައިސަލް އަރިހުގައި ވެސް އެހީއަށް އެދިފަ. ރާޅު އަރާ ދިމާލުގައި ހިލަ ޖަހައި ދިނުމަށް ވެސް އެދިފަ" ރައީސް ފިޔާޒް ޙަސަން ވިދާޅުވިއެވެ.
ހުވަދު ނިއުސް އަށް މައުލޫމާތު ދެއްވަމުން ހޯނޑެއްދޫ ރައީސް ހުސައިން ވާރިޝް ވިދާޅުވީ ރަށުގެ ބޮޑު ބަޔަކަށް އުދަ އަރައި އަންދާޒާ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށާއި ގެއްލުން އިތުރަށް ބޮޑުވެދާނެ ކަމަށެވެ.

ގދ.ހޯޑެއްދޫއަށް އުދައއަރާފައި
ރައީސް ވާރިޝް ވެސް ވިދާޅުވީ ސަރުކާރާއި އެހެނިހެން ރަށް ރަށާއި މީހުންގެ އެހީ އަށް މި ވަގުތު ވަރަށް ބޮޑަށް ބޭނުން ކަމަށާއި މި ކުރިމަތިވީ ފަސޭހަ އިން އަރައިގަނެވޭނެ ޙާލަތެއް ނޫންކަމަށެވެ.
އެންމެ ބޮޑަށް ގެއްލުންވި އެއްރަށް ކަމުގައިވާ ފިޔޯރީގެ ރައީސް ވިދާޅުވީ ފައިސާއިން ބަލާނަމަ އެ ރަށަށްވެސް ތިން ހަތަރު މިލިއަނާއި ގަތް ކުރާ އަދަދަކަށް އެކި ގޮތްގޮތުން ގެއްލުން ވަނީ ލިބިފައި ކަމަށާއި ދީލަތި ފަރާތަކުގެ އެހީ ތެރިކަން ނިހާޔަތަށް ބޭނުންވާނެ ކަމަށެވެ.

