ރަށުގެ ބޮޑު ބަޔަކަށް އުދަ އަރައި ހޯނޑެއްދޫގެ ދަނޑުވެރިންނަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ދީނާ ވަޙީދު ވިދާޅުވެއްޖެއެވެ.
އިއްޔެގެ މެންދުރު ފަހުން ފެށިގެން އެރަށުގެ ހުޅަނގު ފަރާތުން ފެށިގެން ދަނޑުވެރިކަން ކުރާ ސަރަހައްދާ ހަމަޔަށް އުދަ އަރައި ގިނަ ގެތަކާ ދަނޑު ތަކަށް ލިބުނު ގެއްލުންތައް ހުވަދޫ ނިއުސް އާއި ޙިއްސާ ކުރައްވަމުން ދީނާ ވިދާޅުވީ ރަށަކީ ދަނޑުވެރިކަން ކުރުމަށް ބަރޯސާވެ އާމްދަނީ ހޯދާ ރަށެއް ކަމަށާއި އެގޮތުން ކޮންމެ ގެއެއްގައި ވެސް ދަނޑު ގޮވާން ހައްދާ ކަމަށާއި ރާޅުގެ ސަބަބުން ރަށުގެ 50 އިންސައްތަ ގޭގެ ހުރިހާ ގޮވާމަކާއި ފަތްކެޔޮ ގަސްތައް އެއްކޮށް ނެތިވެ ގޮސްފައިވާ ކަމަށެވެ.
“ހުޅަނގުން އެރި އުދަ ދަނޑު ތަކާ ހަމަޔަށް ފޯރާ އެ ބިން ތަކަށް ވެސް އެހެރީ ވަރަށް ބޮޑަށް ގެއްލުން ވެފަ. ކުރިޔަށް އޮތް 6 މަހެއްގެ ކުރިން އިޔާދަ ނުވާނެ ” ހޯނޑެއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާ ދީނާ ވަޙީދު ވިދާޅުވިއެވެ.
ދީނާ ވިދާޅުވީ ހޯނޑެއްދޫ ލިބުނު ގެއްލުމުގެ އަދަދު ފައިސާ އިން ބަލާ ކަމުގައި ވާނަމަ އެތައް ލައްކަ އަކަށް އަރައިގެން ދާނެ ކަމަށެވެ. އަދި އެ އީ އަންދާޒާއެއް ކަމަށާއި އެ އަދަދު މިލިޔަނަކަށްވެސް އަރައިގެން ގޮސްދާނެ ކަމަށެވެ.
ގދ ހޯނޑެއްދޫ ގެ ރައީސް ވާރިޝް ވެސް ވަނީ އެ ރަށަށް ލިބުނު ގެއްލުން ތަކާއި ބެހޭގޮތުން ހުވަދޫ ނިއުސްއާއި ހިއްސާ ކުރައްވާ ވާހަކަ ދައްކަވާފައެވެ.
ރައީސް ވާރިޝް ވިދާޅުވީ އުދައިގެ ސަބަބުން މިލިޔަނަކާ ގާތްކުރާ ވަރުގެ ނުވަތަ އެއަށް ވުރެވެސް ބޮޑު ގެއްލުމެއް ވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހާރު ދަނީ ގެއްލުމުގެ މަޢުލޫމާތު އެއްކުރަމުން ކަމަށެވެ.
ހުވަދު އަތޮޅުގެ ދެކުނުބުރީގެ ތިނަދޫ އާއި ވާދޫ ފިޔަވާ އެހެން ހުރިހާ ރަށަކަށް ވަނީ އުދަ އަރާފައެވެ. އޭގެ ތެރެއިން މަޑަވެލިި، ހޯނޑެއްދޫ ، ރަތަފަންދޫ އަދި ފިޔޯރީ އަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

