އުދައެރުމުގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއިން ނިންމައިފިއެވެ.
އަތޮޅު ކައުންސިލް އިދާރާއިން ހާމަކުރި ގޮތުގައި ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް އުދައެރުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށާއި އަތޮޅު ކައުންސިލް އިދާރާގެ ފަރާތުން އެރަށްރަށުގެ ހާލަތު ބެލުމަށްފަހު އެރަށްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.
އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އާއި އެ ކައުންސިލްގައި ތިނަދޫ ތަމްސީލްކުރާ މެމްބަރ ސައުދު އަލީގެ އިތުރުން އަތޮޅު ކައުންސިލް އިދާރާގެ ޓީމެއް ވަނީ މިއަދު ރަތަފަންދޫ، މަޑަވެލި، އަދި ފިޔޯރީއަށް ވަޑައިގެން އެރަށްތަކުގެ ހާލަތު ބަލާފައެވެ.
އަތޮޅު ކައުންސިލުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައިވަނީ 6 ރަށަކަށެވެ. އެ ރަށްތަކަކީ މަޑަވެލި ހޯޑެއްދޫ، ނަޑެއްލާ، ރަތަފަންދޫ، ފިޔޯރީ އަދި ފަރެސްމާތޮޑާއެވެ.
އެހީއަށް ބޭނުންވެފައިވާ ރަށްތަކާއި އެރަށްތަކުގައި ދިރިއުޅޭ އާއިލާތަކަށް ދީލަތި އެހީ ފޮނުވުމުގެ ފުރުސަތު އާންމު ރައްޔިތުންނާއި، ވިޔަފާރިވެރިންނަށާއި، ޖަމިއްޔާ ޖަމާއަތްތަކަށް މިވަނީ ހުޅުވާލެފިފައެވެ. އެހެންކަމުން އެހީ ފޮނުވަން ބޭނުންވާ ފަރާތްތަކުން މާދަމާ 2 ގެ ކުރިން އެތަކެތި އަތޮޅު ކައުންސިލް އިދާރާއާ ހަވާލުކުރުމަށް އެކައުުންސިލުން ވަނީ އަންގާފައެވެ.
އެރަށްތަކަށް އެހީގެ ތަކެތި ފޮނުވުމަށް މާދަމާ މެންދުރު 3 ޖަހާއިރު އަތޮޅު ކައުންސިލްގެ ދޯނި ފުރަން ހަމަޖެހިފައިވާ ކަމަށް އަތޮޅު ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
އުދައެރުމުގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީ ފޮނުވަށް ބޭނުންވާ ފަރާތްތަކުން އިތުރު މައުުލޫމާތު ހޯދުމަށް 7775199 (އަލީ ވަހީދު) އަށް ގުޅާލެއްވުމަށް އަތޮޅު ކައުންސިލުންވަނީ އަންގާފައެވެ.

