މުޅި ރާއްޖެއަށް ހުޅުވާލައިގެން ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުން ބާއްވާ "ގދ.އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022" ރާވާ ހިންގުމަށް ރައުހަތު ސްޕޯޓްސް ކުލަބާއި އެކު އެއްބަސްވުމުގައި ސޮއެ ކޮށްފިއެވެ.
މިއަދު ގދ.އަތޮޅު ކައުންސިލް އިދާރާގައި ސޮއެ ކުރެވުނު މިއެއްބަސްވުމުގައި އަތޮޅު ކައުންސިލުގެ ފަރާތުން ސޮއެ ކުރެއްވީ އިދާރާގެ ސެކެޓްރީ ޖެނެރަލް އާދަމް ނަސީމްއެވެ. އަދި ރައުހަތު ސްޕޯޓް ކުލަބުގެ ފަރާތުން ސޮއެ ކުރެއްވީ އެކުލަބުގެ ނައިބް ރައީސާ މަރިޔަމް އިނާޔާ ފާރޫގްއެވެ.
"ގދ.އަތޮޅު ކައުންސިލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2022" ރާވާއި ހިންގުމާއި ހަވާލުވި ރައުހަތު ސްޕޯޓްސް ކުލަބުން މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި މުބާރާތާކީ 5 އުމުރުފުރައަކަށް ބަހާލައިގެން، ރާއްޖޭގެ ސްކޫލްތަކަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.
އަދި މި މުބާރާތް ފެށުމަށް ތާވަލު ކޮށްފައިވަނީ ސެޕްޓެމްބަރ މަހު 11 ވަނަ ދުވަހު ގދ.ތިނަދޫ ގައި ކަމަށްވެސް އެ ކުލަބުން މައުލޫމާތު ދެއްވިއެވެ.
ރައުހަތު ސްޕޯޓް ކުލަބަކީ ހުވަދު އަތޮޅުގެ ބައެއް ރަށްތަކުގައި އާއި ޚާއްސަ ކޮށް ތިނަދޫގައި ފުޅާ ދާއިރާއެއްގައި އެތްލެޓިކްސް ކުރިއެރުވުމަށާއި، އެތްލީޓުން ތަމްރީނުކުރުމުގެ މަސައްކަތް ގިނަ ދުވަސްތަކެއްވަންދެން ކުރަމުން އަންނަ ކުލަބެކެވެ. އަދި އެ ކުލަބުން ވަނީ ރާއްޖޭގައި ބާއްވާ އެތްލެޓިކް މުބާރާތްތަކުގައި ބައިވެރިވެ، ކާމިޔާބު ވަނަ ތަކެއްވެސް ހޯދާފައެވެ.

