ޕަބްލިކް ވަރކްސް ތިނަދޫ ސައިޓްގެ އިމުގެ ސައިޒު ވަކިކޮށް ރަޖިސްޓްރީ ހެދުމަށްފަހު ޕަބްލިކް ވަރކްސް އާ ހަވާލުކޮށްފިއެވެ.
ހުވަދޫ ނިއުސްއަށް މައުލުމާތު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް ސައުދުު އަލީ ވިދާޅުވީ ޕަބްލިކް ވަރކްސް ތިނަދޫ ސައިޓުގެ އިންފާރު ވަކިކޮށް ރަޖިސްޓްރީ ހެދުމަށް އެ މުވައްސަސާއިން އެދުމާއި ގުޅިގެން އެސައިޓުގެ އިންފާރު ވަކިކޮށް ރަޖިސްޓްރީ ހެދުމަށްފަހު މިއަދުގެ ވަގުތެއްގައި އެމުވައްސަސާއާ ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އިމުގެ ސައިޒު ބަލާލިއިރު ޕަބްލިކް ވަރކްސްއިން މިހާރު ހިލަވެލި އަޅަމުންދަނީ އެސައިޓުގެ ގޯތި ތެރެޔަށް ނޫން ކަމަށާއި ހިލަވެލި ޖަމާކުރަމުންދާ ސަރަހައްދަކީ ކައުންސިލްގެ ބިމެއް ކަމަށް ސައުދު ވަނީ ވިދާޅުވެފައެވެ.
ސައުދު އިތުރަށް ވިދާޅުވީ ބިމުގެ ރަޖިސްޓްރީ ކަންތައްތައް ހިނގާދިޔަ ގޮތް މިހާރު އޮންނާނީ އަތޮޅު ކައުންސިލާއި ހިއްސާކޮށްފައި ކަމަށާއި މިގޮތަށް ކަންތައްކޮށްފައިވަނީ ޕަބްލިކް ވަރކްސް އިން އެގޮތަށް ކައުންސިލުގައި އެދިގެން ކަމަށެވެ.
ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުން ފްލެޓު އެޅުމަށްޓަކައި ގެނެސް 12 އަހަރުވަންދެން ކައުންސިލްގެ ބިމެއްގައި ބަހައްޓާފައި ހުރި ހިލަތަކެއް ކައުންސިލްގެ ހުއްދަ ނެތި ޕަބްލިކް ވޯކްސްގެ ސައިޓަށް ބަދަލުކުރާ މައްސަލައިގައި ތިނަދޫ ކައުންސިލުން އެމައްސަލަ ކޯޓަށް ހުށަހެޅިއެވެ.
ކައުންސިލުން ކޯޓުގައި އެދުނީ ހިލަތައް ޕަބްލިކް ވޯކްސްގެ ސައިޓަށް ބަދަލުކުރުމަށް ކުރާ މަސައްކަތް ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށާއި، ޕަބްލިކް ވޯކްސްގެ ސައިޓަށް ބަދަލުކޮށްފައިވާ ތަކެތި އަނބުރާ އެތަކެތި ހުރި ތަނަށް ބަދަލުކުރުމަށް އަމުރެއް ނެރެދިނުމަށެވެ.
އެހެންނަމަވެސް އެމައްސަލާގައި ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށެވެ.
އެހިލަތައް ޖަމާކުރުމުގެ މަސައްކަތް ޕަބްލިކް ވަރކްސް އިން ދަނީ ކުރިޔަށް ގެންދަމުންނެވެ.

