މިއަހަރު މިހާތަނަށް 8 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފިކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން 2022 ވަނަ އަހަރު ޖުލައި 8 ވަނަ ދުވަހުގެ ނިޔަލަށް 813،219 ޓޫރިސްޓުން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. ފާއިތުވީ މެއި މަހު 9 ވަނަ ދުވަހުން ފެށިގެން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 111،073 ޓޫރިސްޓުން ޒިޔާރަތްކޮށްފައެވެ. މިއަދަދަކީ ފާއިތުވީ މެއި މަހާއި އަޅާ ބަލާއިރު 11.60 އިންސައްތަ ދަށް އަދަދެކެވެ.
އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން 22،103 ޓޫރިސްޓުން ވަނީ އައިސްފައެވެ. ދެވަނަ އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވަނީ ރަޝިޔާއިންނެވެ. ރަޝިޔާއިން 15،327 ޓޫރިސްޓުން އައިސްފައިވާއިރު، ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން 8،728 ޓޫރިސްޓުން ރާއްޖެއަށް އައެވެ.
މިއަހަރު މިހާތަނަށް ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުތައް:
- ޖެނުއަރީމަހު – 131،764 ޓޫރިސްޓުން
- ފެބްރުއަރީ – 149،008 ޓޫރިސްޓުން
- މާރޗު – 150،739 ޓޫރިސްޓުން
- އޭޕްްރީލް – 145،279 ޓޫރިސްޓުން
- މެއި – 40،929 ޓޫރިސްޓުން
- ޖޫން – 706،000 ޓޫރިސްޓުން
- ޖުލައި މަހު 8 ވަނަ ދުވަހުގެ ނިޔަލަށް – 111،073 ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 3،496 ޓޫރިސްޓުން ޒިޔާރަތްކުރިއެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން މިހާރު އަންނަނީ އިންޑިއާއިންނެވެ.
ރާއްޖެއިން ވަނީ މިއަހަރު ތެރޭގައި 1.6 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒް ހިފާފައެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ޓޫރިޒަމް ދުނިޔެއަށް އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރުންނާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

