ދިވެހިރާއްޖޭގެ ޤާނޫނުތައް ބުނާ އިންތިޚާބީ މަގާމުތަކަށް ކުރިމަތިލުމަށް ގިނަ ފަރާތްތަކުން ދުރާލާ އަތުކުރިއޮޅާލާއި މަސައްކަތް ކުރަން ފަށާތަން ފެނުމަކީ އާ ކަމެއް ނޫނެވެ. ކުޑައިރުއްސުރެ ފުރަ މާލޭގައި ތަނަވަސް ދިރިއުޅުމެއް އުޅެމުން އަންނަ ރަށުމީހާއަށް ކުއްލިއަކަށް އަމިއްލަ ރަށް ފެނި، ރަށުގެ ރައްުޔިތުންނަށް ހެޔޮކޮށް ހިތާ ގިނަގިނައިން ރަށަށް އަންނަން ފެށުމުން، މިޒަމާނުގައި ގަބޫލު ކުރާނީ، ރަށުގެ ރައްޔިތުންގެ ވޯޓާއިއެކު އިންތިޚާބީ ކޮންމެވެސް މަގާމަކަށް ކުރިމަތިލާން އުޅެނީ ކަމަށެވެ.
ކޮންމެއަކަސް، އިންތިޚާބެއް ބޯމަތިވެގެން އުޅޭ ދަނޑިވަޅެއްގައި މިކަހަލަ އެތައް ބަޔަކު ފެންނާނެއެވެ. ރައްޔިތުންގެ ހައްގުގައި، ކޮފީ މޭޒުތަކުން ފެށިގެން ނިދާ އެނދުތަންމަތީގައިވެސް ހަރު އަޑުން ވަކާލާތު ކުރާ މީހުން ފާޅުވެގެން އަންނަ އިރު، ވަރަށް ވެސް ހެޔޮފުޅެވެ. ރައްޔިތުންގެ ހައްގުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް ވުރެ ތަންކޮޅެއްވެސް ދޫކޮށް ނުލައެވެ.
އިންތިޚާބުގެ ކެމްޕެއިންގައި މޮޅު ފިލްމުސްޓާރަކު ދެއްކި ހުނަރުވެރި ތަމްސީލެއްގެ މަޅީގައި ޖެހި އެތައް ރައްޔިތުންތަކެއްގެ ވޯޓުން ގޮޑި ކާމިޔާބު ކޮށް މަގާމާއި ހަވާލުވުމަށްފަހު އެއްކަލަ އާންމު ރައްޔިތުންގެ މަތިން ހަނދާން ނެތެއެވެ. އިހުގައި އަމިއްލަ ނަފުސާއި މުޚާތަބު ކުރި ނަން ހަނދާން ނެތެއެވެ. އިންތިޚާބުވުމަށް ފަހު މަގާމުގެ ލަގަބުން ނޫން ގޮތަކަށް މުޚާތަބު ކުރުން ވެސް އެއީ މަނާ ކަމެއް ކަމަށް އާންމު ރައްޔިތުންނަށް ވިސްނުވައިދެއެވެ.
ރާއްޖޭގެ ޑިމޮކްރަސީގެ ދިގު ތާރީޚުގައި ރައްޔިތުންގެ މަންދޫބުންގެ މަގާމު ތަކާއި ހަވާލުވާ މީހުން މަސައްކަތް ކުރަނީ އަމިއްލަ މަންފާއަށް ކަން މިއަދު އެންމެންވެސް ގަބޫލު ކުރެއެވެ. އެއިރު އިންތިޚާބުގެ ދުވަސްވަރުގައި، މުސާރަ އެއް ބޭނުން ނޫން ކަމަށާއި، މަސައްކަތް ކުރަނީ ރައްޔިތުންނަށްޓަކާއި ކަން ބުނެ މަގާމާއި ހަވާލުވި މީހުންގެ މުސާރަ އަކީ ރާއްޖޭގެ ނިސްބަތުން އެންމެ ބޮޑެތި މުސާރައެވެ. ރާއްޖޭގެ އެންމެ ބޮޑު މުސާރަ ލިބޭ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކު މިއަދާއި ޖެހެންދެން މުސާރަ ބޮޑުވެގެން ކުޑަކުރުމުގެ ކުޑަވެސް ވިސްނުމެއް ނެތެވެ.
ދާދި ފަހުން ކަނޑައެޅި މިނިމަމް ވޭޖްގެ އަދަދު ބޮޑުވެގެން ކަންބޮޑުވި މެމްބަރުންނަށް އަމިއްލަ މުސާރައާއި، އާންމު ނިކަމެތި ރައްޔިތު މީހާގެ މުސާރަ އާއި ނުބައްދަލު ކަންވެސް ގަބޫލު ކުރެއެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ރާއްޖޭ ބޮޑު އަނދަވަޅަކަށް ވެއްޓިފައި ވަނިކޮށް، އެތައް ބައެއްގެ ވަޒީފާ ގެއްލި އެތައް އާއިލާއެއް ހާލުގައި ޖެހުނު އިރުވެސް، މިއިން ސިޔާސީ މެމްބަރެއްގެ މުސާރައިން 2 ރުފިޔާވެސް އުނި އުންޏެއް ނުކުރެވެއެވެ.
ސިޔާސީވެރިންގެ އަތްމުށުގައި އޮތް ބާރުގެ ބޭނުންކޮށްގެން ރައްޔިތުންގެ ފައިސާއިން ބޮޑެތި މުސާރަ ނަގައިގެން ތިބޭ އިރު، އަލަށް އިންތިޚާބުވި މީހަކުވެސް މުސާރަ ބޮޑުވެގެން ރައްޔިތުންނަށްޓަކައި ކޮށްދޭ މަސައްކަތާއި ނުބައްދަލު މުސާރަ އެއް ނެގޭ ކަމަށް ބުނެ އެއަދަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅެއެވެ.
އިއްޔެ، ރާއްޖޭގެ މީޑިއާ އަކުން ހާމަ ކުރިގޮތުގައި ރަށެއްގެ ރަށުކައުންސިލެއްގެ ރައީސް އާއި މެމްބަރުންގެ މުސާރަ ކުޑަވެގެން، މުސާރަ ބޮޑު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސިޓީ އެއް ފޮނުވިއެވެ. އެއާއިއެކު، އާންމު ރައްޔިތުންގެ ނުރުހުމާއި ޝަކުވާ، ސޯޝަލް މީޑިއާގެ ތެރެއަށް ވަނީ ބަންޑުން ކޮށްލާފައެއެވެ. ރަށްފުށުގެ ދިރިއުޅުމަށް ބޮޑު އަދަދެއްގެ މުސާރަ ނަންގަވައިގެން ތިއްބެވި ރަށުގެ ވެރިންނަށް، ރައްޔިތުންނަށް ޓަކައި މަންފާ ކުރުވެނިވި ކަމެއް މިއަދާއި ޖެހެންދެން ކުރެވިފައި ނެތެވެ. އެހެން ނަމަވެސް، ކުރާ މަސައްކަތާއި، މިހާރުވެސް ނުބައްދަލު މުސާރަ ނަންގަވަމުން، އެ މުސާރަ ހިނގާ ވަގުތުގައި މަސައްކަތް ކުރެއްވީ އަމިއްލަ މުސާރަ އިހުނަށްވުރެވެސް ބޮޑުވޭތޯ މަސައްކަތް ކުރުމަށެވެ. ކޮންމެ އަކަސް، މިއީ ވަރަށްވެސް ހަޑި މުޑުދާރު ކަމެކެވެ. ވެވޭ ބޮޑު ޣައްދާރެކެވެ.
ހައިރާންވާންޖެހޭ ކަމަކީ ޤާނޫނުގެ ހުސްތަންތަން ހޯދައިގެން ނުވަތަ ގާނޫނުގެ ބަސްތަކުގައިވާފިލި ތަކަށް ރިއާޔަތްކޮށް ބޮޑެތި ކުއްވެރިން ކުށޫން ބަރީޢަވާން ތެޅޭ އުޞޫލުން ތިނަދޫ ކައުންސިލުންވެސް މަކަރުވެރި ވިސްނުމަކުން ޤާނޫނަށް ހަވާލާދީ، އެ ކައުންސިލުގެ މެމްބަރުންގެ މުސާރަ ބޮޑުކުރުމަށް މަސައްކަތްކުރާ ކުރުމެވެ. ރައްޔިތުންގެ ގާދިޔާގެ ނަމުގައި ތިނަދޫ ކައުންސިލުން ރައްޔިތުންނާއި ބައްދަލުކުރުމަށް ކޮންމެ ހަފްތާއަކު ގޮވާލުމުންވެސް އެބުނާ 11000 މީހުންގެ އާބާދީ އިން މިއަދާއި ހަމައަށް ފެންނަނީ އެންމެ ދެތިން މީހެއްގެ މޫނު ކަމަށް ވުމަކީ އެ ކައުންސިލާއިމެދު ރައްޔިތުން ނުހަނު މާޔޫސްވެފައިވާކަން ހާމަކޮށްދޭ ރަމްޒެއްކަމުގައި މީސްމީޑީއާގައި ތިނަދޫގެ ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެހެންކަމުން މި ސިޓީއަކީ ތިނަދޫ ރައްޔިތުންގެ މޫނުގައި މަލާމާތުގެ އެތިފަހަރެއް އަޅާލުން ކަމުގައި ގިނަ ބަޔަކު ގަބޫލު ކުރެއެވެ.
މީސްމީޑިއާ އަށް އަމިއްލަ ޚިޔާލާއި، ނުރުހުމާއި ކަންބޮޑުވުން ހިއްސާ ކޮށްފައި ތިބި ބައެއް އާންމު ރައްޔިތުންގެ ތެރެއިން އެކަކު ބުނެފައިވަނީ، ރައްޔިތުންގެ މަގާމަކަށް އިންތިޚާބުވީ ރައްޔިތުންގެ އެދުމަކަށް ނޫން ކަމަށާއި، މަގާމުގެ ދަހިވެތި ކަމުގައި ރައްޔިތުންގެ ގާތުގައި ސަލާން ޖަހައިގެން ކަމަށެވެ.
ރާއްޖޭގެ ދަރަނި އިތުރުވެގެން ދާ މިދަނޑިވަޅުގައި ރައްޔިތުންގެ ހައްގުގައި އިންތިޚާބުވެ، ރައްޔިތުންގެ މަންދޫބެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ސިޔާސީ މީހަކު، ލިބޭ އާމްދަނީ މަދުކަމަށް ބުނެ ރައްޔިތުންގެ ފައިސާއިން ބޮޑު އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރުމަކީ އެމީހެއް ނުވަތަ އެބައްގެ ހިތު ތެރޭގައި ރައްޔިތުންނާއި މެދު އިޚުލާސްތެރިކަން އޮތް މިންވަރު ހާމަވެގެން ދާ ކަމެކެވެ. އަޚްލާގީ ގޮތުންވެސް ހުތުރު ކަމެކެވެ. އެތައް ރައްޔިތުންނެއް ރެއާއި ދުވާލު ބުރަ މަސައްކަތް ކޮށްގެން ލިބޭ މިންވަރުން ކިރިޔާ ދެކޮޅު ޖެހޭއިރު، ފިނި ކޮޓަރި ކޮޅުގައި އިނދެގެން ބޭނުންގޮތަކަށް ކަންކަން ނިންމުގެ އިޚްތިޔާރު އޮތް ސިޔާސީ މީހާއަށް ލިބޭ އާމްދަނީ މަދު ކަމަށް ގަބޫލު ކުރެވޭނަމަ، އެ މީހަކަށް ނުވަތަ އެބަޔަކަށް ރަނގަޅު އާމްދަނީ އެއް ލިބޭ އެހެން މަގާމު ތަކަކަށް ދިޔުން ބުއްދިވެރިއެވެ. ޔަގީންވެ ކަށަވަރުވާ ކަމަކީ، ސިޔާސީ މީހަކު މުސާރަ ކުޑަވެގެން އިސްތިއުފާ ދޭންޖެހޭ ހާލަތެއްގައި، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ އެކަމެއް ނުހުއްޓުވާނެ ކަމެވެ.

