ރަށްފުށުގެ އުފާވެރި ހަނދާންތައް އާލާވެގެންދަނީ އީދު އައުމުންނެވެ. އީދަށް ތައްޔާރުވުމުގެ ގޮތުންކުރާ އެންމެ ހަނދާނުން ނުފިލާ ކަމަކީ އީދު މަޅި ޖެހުމަށް ވަމުންދާ ތައްޔާރީއެވެ. ބޮޑު ޗުއްޓީ ލިބޭނީ ފިތުރު އީދަށެވެ. މިއީ މުޅި އަހަރު ދުވަހުގެ ދިގު އިންތިޒާރެއްގެ ނިމުމެވެ. އީދު މަޅި ޖެހުމުގެ ތައްޔާރީތަށް ރަމަޟާން މަހަށް ހަނދު ފެނުމާއިއެކު ފެށުނީއެވެ. ހިކިފަން އެއްކޮށް ހިމަކޮށް ފަން ވިޔުމުގެ މަސައްކަތެވެ.
އީދު ދުވަސް ކައިރިވުމުން ކައިރި ރަށްތަކުން ހިކިފަނާއި ރޯފަން ގެނެއެވެ. ރޯފަން އަވީލައި ހިއްކަނީއެވެ. މި ދަތުރުގައި އީދު ކޭބަރުވެސް ގެންނާނެއެވެ. އީދު ކޭބަރަކީ ދިގު ކަށިކެޔޮ ގަހެކެވެ. ގަހުގެ ފަތްތަށް ވަކިކުރުމަށްފަހު ގަސްގަނޑު އަތިރިމަށްޗަށްނެރެ ބޮއްކުރާއަށް އަރުވައިގެން ފަޅުރަށުން އެއްކުރި ފަނާއި އެކީގައި ފަލި ޖަހާފައި ރަށަށް ގެންދަނީއެވެ. މި މަސަތްކަތަކީ ވަރަށް ޝައުޤުވެރިކަމާއެކީ އެންމެން އެކަތިގަނޑަކަށް ވެގެން ކޮށްއުޅޭ ކަމެކެވެ.
އީދު މަޅި ހަދަން ބޭނުންކުރަނީ ދިގު ކަށިކެޔޮ ގަހުގެ ދަޑިގަނޑު އަތިރިމަތީގައި ވަޅެއް ކޮނެފައި އިންދަނީއެވެ. އޭގެ ފަހުން އެއްކޮފައިވާ ފަންތަށް ދަނޑިގަޑުގައި ވަށައިގެން ޖަހަނީއެވެ. އެއަށްފަހު ފަންތަށް ވަކިނުވާގޮތަށް ދަނޑިގަޑުގައި އައްސަނީއެވެ.
އެކި ރަށްރަށުގައި އީދުމަޅި ރޯކުރާ ގަނޑީގެ ތަފާތު އެބަހުއްޓެވެ. ރާއްޖޭގެ ގިނަ ރަށްރަށުގައި އީދު މަޅި ރޯކުރަނީ އިޝާ ނަމާދުން ފައިބައިގެންއެވެ. ނަމަވެސް އަޅުގަނޑު ހަނދާން ހުންނައުމުރުން ފެށިގެން ދެއްވަދޫގައި އީދު މަޅި ރޯކުރަނީ ފަތިސް ނަމާދުން ފައިބައިގެން އިރު އެރުމުގެ ކުރިންނެވެ. އީދު މަޅި ރޯކުރުމަށްފަހު ކުދިވެރިން މޫދަށް ފައިބާނެއެވެ. މިއީ ހަދާނުން ނުފިލާނެ ކުޑައިރުގެ އީދު ހަދާންއެވެ.

