ގދ.ތިނަދޫގައި މީހުން ދިރިއުޅޭ ގެޔަކަށް ވަދެ މާރާމާރީއެއް ހިންގައި މީހަކު ޒަޚަމްކޮށްފިއެވެ.
މައުލޫމާތު ލިބުނު ގޮތުގައި މިރޭ 21:45 އެހާކަންހާއިރު ގެޔަކަށްވަދެ މާރާމާރީ ހިންގާފައިވަނީ ބިދޭސީ މީހެކެވެ. އަދި މިމާރާމާރީގައި އަނިޔާ ލިބިފައިވަނީވެސް ބިދޭސީ މީހަކަށެވެ.
ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ވަދެ ދަގަނޑު ހޮޅިބުރިއަކުން ހަމަލާދީ ބިދޭސީ މީހާގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. މިމާރާމާރީގައި އަނިޔާ ލިބުނު ބިދޭސީމީހާއަށް ޑރ.އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
ފުލުހުން ވިދާޅުވަނީ ބިދޭސީންގެ ދެމެދުގައި މާރާމާރީއެއް ހިނގާދިޔަކަމުގެ ރިޕޯޓް މިރޭ ލިބިފައިވާ ކަމަށާއި މިމައްސަލަ އިތުރަށް ތަހުޤީގުކުރަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް މިމާރާމާރީ އާއި ގުޅިގެން އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވެއެވެ.

