ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަނގަކުރަމުން ދަނިކޮށް ހަމަނުޖެހުން ހިންގި މީހުން ހައްޔަރުކޮށްފައި ތިބި ކަސްޓޯޑިއަލް ޖަލަށް އިންޑިއާ ހައިކޮމިޝަނުގެ އިސް އޮފިޝަލުންތަކެއް ދިޔަ ކަމަށް ބުނެ މީޑިޔާތަކުން ފަތުރަމުން އަންނަނީ ދޮގު ވާހަކަތަކެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއެކު ފުލުހުން ހަދާފައިވާ ވަޓްސްއަޕް ގްރޫޕްގައި ފުލުހުން ވިދާޅުވެފައިވަނީ ބައިނަލް އަޤުވާމީ ޔޯގާ ދުވަސް ފާހަނގަކުރުމަށް މިދިޔަމަހު 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރެވުނު މީހުން ތިބި ކަސްޓޯޑިއަލް ޖަލަށް އިންޑިއާ ހައިކޮމިޝަންގެ އޮފިޝަލުން ވަތް ކަމަށް ބުނެ ބަންދުގައި ތިބި މީހުންގެ ވަކީލުންނާއި ހަވާލާދީ ބައެއް ނޫސްތަކުގައި ގެނެސްދީފައިވާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ހަބަރުތައް ގެނެސް ދިނުމުގައި އިތުބާރުކުރެވޭ މަސްދަރުތަކުން ޔަގީން ކުރުމަށް ފުލުހުން ވަނީ ނޫސްވެރިންނަށް އިލްތިމާސް ކޮށްފައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިފަދަ ކަންތައްތަކަކީ ފުލުހުންގެ މުއައްސަސާގެ ތަސައްވުރު ކިލަނބުވެ، ރައްޔިތުންގެ ހިތްތަކުގައި ފުލުހުންނާ މެދު ނަފުރަތު އުފެދި އިތުބާރު ގެއްލިދާފަދަ ކަންތައްތަކެއް ކަމަށެވެ.
ޔޯގާ ހަރަކާތުގައި ހިނގާދިޔަ ހަމަނުޖެހުމާއި ގުޅިގެން ދީނީ ދެ އިލްމުވެރިން ކަމަށްވާ ޝެއިހް ފަޒްލޫން މުހައްމަދާއި ޝެއިހް އާދަމް ނިޝާން ހިމެނޭހެން 21 މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލު ވެސް އޭގެތެރޭގައި ހިމެނެއެވެ.
ހައްޔަރު ކޮށްފައިވާ މީހުންގެ ވަކީލުން ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަކީލު އަހުމަދު ރާގިބު ވަނީ ކަސްޓޯޑިއަލް ޖަލަށް ހައި ކޮމިޝަނުގެ މަސްއޫލުވެރިންތަކެއް ވަތް ކަމަށް ތުހުމަތު ކުރައްވާފައެވެ.

