ދިވެހިރާއްޖެ މިއަދު ދަތުރުކުރަމުން މިދަނީ ލަންކާ އޮތް ހާލަތާ ދިމާލަށް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޔާމީން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ރާއްޖެ ދަތުރުކުރަމުންދަނީ ލަންކާގައި މިދުވަސްވަރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ މިސްރާބަށް ކަމަށާއި އެކަން ޤަބޫލުނުކުރުމަކީ ނުވަތަ ޤަބޫލުކުރަން ބޭނުން ނުވުމަކީ ހައްލެއް ނޫން ކަމަށެވެ. އަދި އެކަމުން ކުރާނެ ފައިދާއެއްވެސް ނޯންނާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.
ޔާމީން އިތުރަށް ވިދާޅުވީ ރާއްޖޭގެ ސަލާމަތީ ބާރުތަކުން ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ހިނގަމުންދާގޮތް ބަލައި، އެކަމާމެދު ވިސްނަން ޖެހޭކަމަށާއި ރައްޔިތުންގެ ފައިސާ ހޯދުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުން މިއަދު ތިބީ ހާލުގައި ޖެހިފައި ކަމަށެވެ.
އެމްޑީޕީ އާއި ސަރުކާރަށް ފާޑު ވިދާޅުވަމުން ޔާމީން ވިދާޅުވީ އެމްޑީޕީއިން ދެކެމުންދިޔަ ހުވަފެންތައް ހަގީގަތަކަށް ވުމުގެ ކުރިން އެކަން ބިލާހަކަށް ވެފައިވާކަމަށެވެ.
މިފަދަ އިިންޒާރެއް ދުނިޔޭގެ އިޤްތިސާދީ ކަމާއިބެހޭ އިދާރާތަކުން އަންނަނީ ދެމުންނެވެ. ރާއްޖޭގެ އިޤްތިސާދު ހާލަތު ރަނގަޅުނުކޮށްފިނަމަ ލަންކާގެ ހާލަތަށް ރާއްޖެ ހިނގައިދާނެ ކަމުގެ އިންޒާރު ވަނީ މީގެ ކުރިންވެސް އެތައް އިދާރާއަކުން ދީފައެވެ. އެހެންނަމަވެސް ސަރުުކާރުން އަންނަނީ އެވާހަކަތައް ދޮގުކޮށް ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނަގަޅުވަމުން އަންނަ ކަމަށް ބުނަމުންނެވެ.

