މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު މާލޭގައި ހިންގި ގުރޫޕް މާރާމާރީގައި ހިމެނޭ އެންމެ ފަހު މީހާ ހައްޔަރުކޮށްފިކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ހާމަކުރިގޮތުގައި ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިދިޔަ މެއި މަހުގެ ދެ ވަނަ ދުވަހުގެ ހެނދުނު ހިންގި މާރާމާރީގައި ހިމެނޭ އެންމެން މިހާރު ހައްޔަރު ކުރެވިއްޖެ ކަމަށާއި މިމައްސަލައިގައި މިއަދު ހައްޔަރުކުރެވުނީ ސ. ހުޅުދޫ ނާދީ، މުނާދު ޖައުފަރު، 20، ކަމަށެވެ.
ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައިގައި ހަތްމީހަކު ހޯދަން ފުލުހުން އިއުލާންކުރީ މިދިޔަ މެއިމަހު 5 ވަނަ ދުވަހުގައެވެ.
ފުލުހުންގެ މީޑީޔާ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، މާލެ، ދަފްތަރު ނަމްބަރު 2260، މައުސޫމް މުހައްމަދު ދީދީ، 27، އާއި ތ. ތިމަރަފުށި، ސީނުގެ، އަހުމަދު ޝިމްހާޒު، 22 އާއި މާލެ، މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް، 18، އާއި ގއ. މާމެންދޫ، ގްލޭނޫރަންމާގެ، އަހުމަދު ރަބީއު، 24، އާއި ގއ. ގެމަނަފުށި، ކެނެރީގެ، އަހުމަދު ނާޒިހު، 27، އާއި ސ. ހުޅުދޫ، ނާދީ، މުނާދު ޖައުފަރު، 20، ގެ އިތުރުން ސ. މަރަދޫ، ކޮރަލް، އަހުމަދު ސާތިއު، 21، އެވެ. މިއެންމެންވެސް މިހާރު ތިބީ ފުލުހުންގެ ބަންދުގައެވެ.
ފުލުހުން ހާމަކުރި ގޮތުގައި ގްރޫޕެއްގެ ލީޑަރަކު މަގުމަތިން ހުއްޓުވައި އޭނާގެ ގަދަރަށް އަރައިގަތް ކަމުގެ ރުޅިވެރިކަމާ އެކު އިންޒާރުދީ ބަދަލު ހިފުމުގެ ގޮތުން ހިންގި މާރާމާރީއެއް ކަމަށެވެ.

