ލަންކާގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަށް ރާއްޖެއިން ހިމާޔަތް ދިނުމުން އެކަމާ ނުރުހުން ފާޅުކޮށް މާލޭގައި ތިބި ލަންކާ ރައްޔިތުން މުޒާހަރާކުރަން ފަށައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މާލޭ އަލިމަސް ކާނިވާ ސަރަހައްދުގައި ލަންކާގެ ރައްޔިތުން ދަނީ ނުރުހުން ފާޅުކޮށް މުޒާހަރާ ކުރަމުންނެވެ. އިގުތިސޯދީ ބޮޑު ތަދުމަޑުކަމެއްގެ ތެރޭގައި އޮތްވާ އަދި ލަންކާގެ ރައްޔިތުން ހާލުގައި ޖެހިފައި ތިއްބާ ލަންކާގެ ރައީސް ފިލައިގެން ރާއްޖެ އެތެރެވާން ރާއްޖޭގެ ސަރުކާރުން ހުއްދަ ދިން މައްސަލައިގައި 50 އަށްވުރެ ގިނަ ލަންކާ ރައްޔިތުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ގޮތަބަޔާ އެނބުރި ޤައުމަށް ދިޔުމަށް މުޒާހަރާގެ ބައިވެރިން ދަނީ ގޮވަމުންނެވެ.
އެހެންކަމުން މިމުޒާހަރާ ރޫޅާލުމަށް ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި މުޒާހަރާގެ ބައިވެރިން ގެންގުޅުނު ފޮތިގަނޑުތައް ފުލުހުން ވަނީ އަތުލާފައެވެ.
ބައެއް މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި ރާއްޖެ މަގުން ސިންގަޕޫރަށް ކުރަމުންދާ މިދަތުރުގައި ލަންކާގެ ރައީސް މިވަގުތު ހުންނެވީ އިތާފުށި ރިސޯޓުގަ އެވެ. މިއަދު އިސްތިއުފާ ދެއްވާނެ ކަމަށް އިއުލާންކުރިނަމަވެސް ގޮތަބަޔާ އިސްތިއުފާ ނުދެއްވައެވެ. މަޤާމުގެ ބާރުތައް ބޮޑުވަޒީރާއި ހަވާލުކުރުމަށްފަހު ލަންކާ ދޫކޮށް ގޮތަބަޔާ މިވަނީ ފިލައިފައެވެ.

