މިރޭ ފެންނަ މާހަނދު އެހެން މަސްމަހު ފެންނަ ހަނދަށްވުރެ ފުރިހަމަވެފައި އަލިގަދަވާނެ ކަމަށް ފަލަކީ އިލްމުވެރިން ބުނާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިރޭ ފެނިގެންދާ މާހަނދު އެހެން މަސްމަހު ފެންނަ ފުރިހަމަ ހަނދަށް ވުރެ ގާތްގަނޑަކަށް 7 އިންސައްތަ ބޮޑުވެފައި 15 އިންސައްތަ އަލި ގަދަވާނެ ކަމަށް ފަލަކީ މާހިރުން ބުނެފައިވާ ކަމަށެވެ. އަދި މިރޭ އުޑުމަތި ސާފު ނަމަ އާދަޔާ ހިލާފު ރީތި މަންޒަރެއް ފެނިގެންދާނެ ކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މެޓްއޮފީހުން މީޑީޔާއަށް މައުލޫމާތުދިން ގޮތުގައި މިދުވަސްވަރު ހަނދު ދުނިޔެއާއި ކައިރިން ދަތުރުކުރަމުންދާތީ މިރޭ ހަނދު ބޮޑުކޮށް ފެންނާނެ ކަމަށާއި ހަނދު ބޮޑު ދުވަސްވަރުގައި ދިޔަވަރުވެސް ބޮޑުވާނެ ކަމަށެވެ. އެހެންކަމުން އުދައަރާ ރަށްރަށަށް މިދުވަސްވަރު އުދައަރާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އެގޮތުން ތ.އަތޮޅުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުގެ ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ލަފާކޮށް މެޓުން ވަނީ ހުދު ސަމާލު ނެރެފައެވެ.

