ބައިނަލް އަގުވާމީ ޔޯގާ ދުވަހާއި ގުޅިގެން ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މީހުންގެ ދިފާއުގައި އިދިކޮޅު ޕީޕީއެމް، ޕީއެންސީން މިރޭ އެއްވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
ޕީޕީއެމުން ހާމަކުރި ގޮތުގައި މިރޭ 20:30 ގައި މާލޭގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މިހަރަކާތަކީ އެ ކޯލިޝަންގެ ހަރަކާތު ކޮމެޓީން އިސްނަގައިގެން ބާއްވާ ހަރަކާތެކެވެ. މިއެއްވުމުގެ މައިގަނޑު މަޤްސަދަކީ އަދުލު އިންސާފުގެ ދާއިރާ ބަޔަކު ހިސާރުކޮށްފައިވާތީ އިންސާފު ނުލިބޭނެ ހާލަތެއް އޮތުމުން ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ބާއްވާ ހަރަކާތެއް ކަމަށެވެ.
ގަލޮޅު ދަނޑުގައި ޔޯގާ ހަރަކާތް ކުރިޔަށް ދަނިކޮށް ބަޔަކު ވަދެ ހަމަނުޖެހުންތައް ހިންގުމާއި ގުޅިގެން މިމައްސަލައިގައި މިހާތަނަށް 21 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހަމަނުޖެހުމާއި ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައިވަނީ މިއީ ފުލުހުންގެ ސެކިއުރިޓީ ފެއިލިއާއަކުން ހިނގާދިޔަ ކަމެއް ކަމަށާއި ފުލުހުންނަކީ މާލޭގައި ހިންގި މިއަށްވުރެ މާބޮޑު ހަމަނުޖެހުންތަކާއި، މުޒާހަރާތައް ހުއްޓުވުމުގައި ވަރަށް ޕްރޮފެޝަނަލްކޮށް މަސައްކަތް ކޮށްފައިވާ ބައެއްކަމަށެވެ.

