ބޮޑު އީދުގައި ކޯޑި ކެނޑުމަކީ ގއ. ދެއްވަދޫގައި ވަރަށް ފޯރީގައި އަދި ވަރަށް ސަގާފީކޮށް ކުރަމުން އަންނަ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް އީދު ކުޅިވަރާއި ކޯޑި ކެނޑުން ވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. 2007 ވަަނަ އަހަރު ދެއްވަދޫގައި ޢީދު ކޯޑި ކެނޑުމަށްފަހު މިކުޅިވަރުވަނީ އެއްކޮށް ހުއްޓިފައެވެ. ނަމަވެސް ކައުންސިލުން އިސްނަގައިގެން އުވެމުންދާ މި ސަޤާފީ ކުޅިވަރު ދިރުވުމަށް 2018 ވަނަ އަހަރުން ފެށިގެން ވަނީ ފޯރި ގަދަކޮށް ކޯޑި ކެނޑުން ކުރިޔަށް ގެންގޮސްފައެވެ.
މިފަހަރު ބޮޑު ޢީދުގައި ދެއްވަދޫ ކައުންސިލާއި ރަށުގެ މުއައްސަސާތައް ގުޅިގެން ވަނީ އީދު ކޯޑިއާއި އީދު މަޅިއާއި ވާދެމުން ގޯނި ރޭސް ބައިސްކަލް ރޭސް ގިރިސް ދަނޑި ކުޑަކުދިންގެ ކުޅިވަރުތަށް ބޮޑުމަސް މަސްރޭސް އާއި އެހެނިހެން ކުޅިވަރުތައް އެ ރަށުގައި ވަރަށް ފޯރި ގަދަކޮށް ބާއްވައިފައެވެ. ޢީދު ނިންމާލުން އޮތީ ބާބެކިއު އަކުންނެވެ. ދެއްވަދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝާފިޢު ވިދާޅުވީ އަހަރުގެ ބޮޑު ޗުއްޓީ ޖުލައި މަހަށް ބަދަލުކުރުމުން ވަރަށް ގިނަފަރާތްތަކުން ރަށަށް ޗުއްޓީއަށް އަންނާތީ ކައުންސިލުންވަނީ ދުރާލާ ޢީދުގެ ހަރަކާތްތަކަށް ތައްޔާރުވެފައެވެ.
މިފަހަރު ކޯޑި ކަނޑާ ފަރާތަށް ކައުންސިލް އިދާރާގެ ފަރާތުން 5000 ރުފިޔާ ވަނީ ދީފައެވެ. މީގެ އިތުރުން ރައްޔިތުންގެ ފަރާތުންވެސް 5000 ރުފިޔާގެ ފައިސާގެ އިނާމަކާއި ލުއި ކާނާގެ ސާމާނު ކޯޑި ކަނޑާ ފަރާތަށް ވަނީ ލިބިފައެވެ.

ދެއްވަދޫގައި ބޮޑު ޢީދު ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިންއެންމެ ކުރީގައި ވެސް ކޯޑި ކަނޑާ އުޅުނު ގޮތަށް މި ޢީދުގައި އެކަން ކުރިއެވެ. ނަމަވެސް ކުރީ ފަހަރުތަކާއި ޙިލާފަށް މިފަހަރު ކޯޑި ކެޑީ ދެ މީހެކެވެ. މިއީ މުޅިން އަލަށް ދެއްވަދޫގައި ދެ މީހަކު ވެގެން ކޯޑި ކެނޑި ފަހަރެވެ.
ދެއްވަދޫގައި ކޯޑި ކުޅިވަރު ކުޅެއުޅޭ ގޮތާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކޯޑި ކެނޑުން އޮންނަ ގޮތް ކޮންމެވެސް ވަރަކަށް ތަފާތެވެ. އެރަށުގައި ކޯޑި ކުޅިވަރު އޮންނަ ގޮތަކީ، އެންމެ ފުރަތަމަ ދުވަހު ފިރިހެނުން ކޯޑި ތައްޔާރުކޮށް، ކޯޑި ހިފައިގެން ބެރާއި ލަވަޔާއި ދަނޑިޖެހުމާ އެކީ ރަށުތެރޭ ހިނގާނީއެވެ. މިހެން ހިނގަމުން ގޮސް އިރުއޮއްސެން ކައިރިވުމުން އަންހެންވެރިން ކޯޑި ހަލާކުކުރަން ދިމާކުރާނެއެވެ. މިވަގުތު ފިރިހެންވެރިންގެ އެންމެ މުހިންމު ކަމަކަށް ވާނީ އަންހެންވެރިންގެ އަތުގައި ކޯޑި ނުޖައްސައި ކޯޑި ސަލާމަތުން ގެންގޮސް ދިގު ރުކެއްގައި އެލުވުމެވެ. ރުކުގައި ކޯޑި އެލުވާއިރުވެސް އަންހެންވެރިން އެކަމަށް ހުރަސްއަޅާނެއެވެ.
ކޯޑި އެލުވުމަށްފަހު ފިރިހެންވެރިން ރުއްދަށުގައި ޑިއުޓީ ބަހައިގެން ފޯރިއަށް ތިބޭނެއެވެ. މިދަނޑިވަޅުގައި އަންހެންވެރިން، ފިރިހެނުންގެ ތެރެއިން މީހަކު ހޯދައިގެން އެމީހާ ރުކަށް އަރުވައި، ކޯޑި ކަނޑަނީއެވެ.

ދެއްވަދޫގައި ބޮޑު ޢީދު ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން
ކޯޑި ކެނޑުމުގެ ސަބަބުން، އެ މީހާ އަތުލައިގަނެ، ގައިގައި ކަޅުތެލާއި އެކި ވައްތަރުގެ ކުލަ ހާކައިގެން، ކުޑަކުދިން މާލި ހައްދައިގެން ފިރިހެންވެރިން ބެރުޖަހައި ލަވަކިޔަމުން ހިނގާނީ ޖެހިގެން އަންނަ ދުވަހު އެވެ. މެންދުރު ނަމާދަށް ބަންގި ގޮވުމުގެ ކުރިން ކޯޑި ކެނޑި މީހާ ގެންގޮސް ފަރުމަތީ ގަލެއްގެ މަތީ ބަހައްޓައެވެ. އެއަށްފަހު ފިރިހެންވެރިން އެއްގަމަށް އައުމުން އަންހެންވެރިން މޫދަށް އެރިގެން، ކޯޑި ކެނޑި މީހާ ބަލައިދެއެވެ. ދެން އޭނާ އެއްގަމަށް ގެނެސް ސާފުކޮށް ހަދާނީ އަންހެންވެރިންނެވެ.
އެއަށްފަހު ހަވީރު ވުމުން ބެގީކޮށް، ޓައީ އަޅުވައި ނަލަހައްދައިގެން، އެމީހާ ގޮވައިގެން އަންހެންވެރިން ބެރުޖަހައި ލަވަކިޔަމުން ރަށުތެރޭ ހިނގައެވެ. ހިނގަމުން ގޮސް އިރުއޮއްސެން ކައިރިވުމުން ރަސްމީ އިއްޒަތުގައި އެމީހާގެ ގެއަށް ގެންގޮސްދޭނެއެވެ. މިހެން ދާއިރު ގިނަ އަދަދެއްގެ ލުއިކާނާ އާއި ދަޅާއި ބިސްކޯދު އޭނާއަށް ހަދިޔާކުރާނެއެވެ. ކޯޑި ކުޅިވަރު ނިމުމުން ކޯޑި ކެނޑި މީހާއަށް އަންހެންވެރިންގެ ފަރާތުން ފައިސާގެ އިނާމެއް ވެސް ދޭނެއެވެ.މިއީ ދެއްވަދޫގައި މިކަން ކޮށްއުޅޭ ގޮތެވެ.

