ގިނަ މީހުން އެކްޓަރެއް ކަމަށް ބަލަނީ ފިލްމު ކުޅޭ ނަމައެވެ. ނުވަތަ ސްޓޭޖް ތަމްސީލު ކުޅުމުގައި މޮޅު ހުނަރެއް ދައްކާ ނަމައެވެ. އެކްޓް ކުރުމުގެ ރަދީފު މާނައިގައި ވެސް ވަނީ އެހެނެވެ. ސްޓޭޖެއް ގައި ނުވަތަ ކެމެރާ ކުރިމަތީގައި ވަކި ކަމެއް ދައްކައިދޭ ގޮތަށް ހުށަހެޅުމެވެ. ނަމަވެސް މިއަދުގެ ޙާލަތަށް ބަލާއިރު ފަހުގެ ފޯނު ގެންގުޅޭ ކޮންމެ މީހަކީ ކެމެރާމަނެކެވެ. ފޮޓޯގްރާފަރެކެވެ. ޓިކްޓޮކް ކުޅޭ މީހުންނަކީ ވެސް މިހާރު އެކްޓަރުންނެވެ.
ހުވަދު އަތޮޅު ދާންދޫ ގައި ދިރިއުޅޭމުންދާ މުހައްމަދު ޒިޝާން އަހުމަދު ހުސައިން ( ޒިޝާން) އަކީ ޓިކްޓޮކް ކުޅޭ ކުއްޖެއް ނޫނެވެ. ފިލްމު ކުޅޭ ކުއްޖެއް ނޫނެވެ. ނުވަތަ އެއީ އިޝްތިހާރު ކުޅުން ފަދަ ކަމެއް ކުރާ ކުއްޖެއް ވެސް ނޫނެވެ. ނަމަވެސް ފާގަ ކުރަމުން މުދާ ބޮޑު އީދުގެ ހަރަކާތްތަކުން އޭނާގެ ފާހަގަ ކުރެވުމުން ސޯޝަލް މީޑިއާ ގައި ދައުރުވި ފޮޓޯ ތަކާ ޕޯސްޓް ތަކުގެ ޙަޤީޤަތް ހޯދާލުމުން ޒިޝާން އަކީ ހުނަރުވެރި މޮޅު އެކްޓަރެއް ކަނަށް ޤަބޫލު ކުރަން ޖެހެއެވެ.
އުމުރުން އެންމެ 5 އަހަރުގެ ޒިޝާން އާންމުންގެ ސަމާލު ކަމަށް ގެނައީ ދާންދޫ ރައީސް މުހައްމަދު އާސިފް އެވެ. އަޅުގަނޑަށް ވެސް ފެނުނީ ދާންދޫ އާސިފް ފޭސްބުކް ގައި ޙިއްސާ ކުރި އެ ޕޯސްޓެވެ.
ހުވަދޫ ނިއުސް އިން ކުރި ސުވާލަކަށް އެ ވާހަކަ ކިޔައި ދެއްވަމުން އާސިފް ވިދާޅުވީ ޒިޝާން އަކީ ކުރިން އޭނާ ދަންނަ ނުވަތަ ފެނިދެނި ކުއްޖެއް ނޫން ކަމަށާއި ނަމަވެސް ރަށުގައި އީދު ފާހަގަ ކުރުމުގެ އެ ތުއްތު ކުއްޖާ ފެނުމުން އޭނާގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނުކަމަށެވެ.
"ޢީދުގެ ހުރިހާ ހަރަކާތަކުންވެސް އޭނާ ފެނޭ. ހަރަކާތްތެރިވާ އިރު އޭނާ މުޅިން ވެސް ދައްކަން މަސައްކަތްކުރަނީ އޭނާގެ ހުނަރާއި މޮޅުކަން. އަނެކަކާ ވަރަށް ނެޗުރަލް. އެކްޓު ކުރަން ހަމަ މޮޅީ " ދާންދޫ ރައީސް އާސިފް ވިދާޅުވިއެވެ.

ޒިޝާން ދާންދޫ ރައީސް އާސިފް އާއި އެކު ނަގާފައިވާ ފޮޓޯ އެއް
ދާންދޫ ސްކޫލް ގެ އެލްކޭޖީ ގައި ކިޔަވަމުންދާ ޒިޝާން އާއި ބެހޭގޮތުން އާސިފް އިތުރަށް ބުނީ ޒިޝާން ވަނީ އީދުގެ ހުރިހާ ކުޅިވަރެއްގައި ބައިވެރި ވެފައި ކަމަށާއި މުޅި ރަށު ރައްޔިތުންގެ ޝައުގުވެރިކަން ހުރީ އެ ކުއްޖާއަށް އަމާޒު ވެފައި ކަމަށެވެ. އެގޮތަށް ހަރަކާތްތައް ކުރިޔަށް ދާއިރު މީހުންގެ ސަމާލުކަން ހޯދުމަށް ވެސް ވަރަށް ތަފާތު ކަންކަން ކުރާ ކަމަށާއި އެއްވެސް ކަމަކަށް ޖެހިލުން ނުވާ ކަމަށްވެސް ދާންދޫ ރައީސް މުހައްމަދު އާސިފް ވިދާޅުވިއެވެ.
ޒިޝާންގެ އާންޓީ ވެސް ޒިޝާން އާއި ބެހޭގޮތުން ހުވަދޫ ނިއުސް އާއި ވާހަކަ ހިއްސާ ކުރިއެވެ. އާންޓީ ބުނީ ޒިޝާން އަކީ ވަރަށް ހުނަރުވެރި މޮޅު ކުއްޖެއް ކަމަށާއި އޭނާގެ އެންމެ މޮޅު ކަމަކީ ފިލްމު ކުޅޭ މީހުން ގޮތަށް އެކި ކަހަލަ އެކްޓް ކުރުން ކަމަށާއި ކްލާސް ތެރޭގައި ބާއްވާ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވާނެ ކަނަށެވެ.

ޒިޝާން އީދު ހަރާކަތުގެ ތެރޭގައި
ޖެނުއަރީ 5 ، 2017 ގައި އުފަންވި ޒިޝާންގެ ބައްޕަ އަކީ އދ ކުނބުރުދޫ މީހެކެވެ. ނަމަވެސް ޒިޝާން ދިރިއުޅެނީ މަންމަގެ ރަށް ކަމުގައިވާ ގއ ދާންދޫ ގައެވެ. އާއިލާ އަށް ބަލާ އިރު ޒިޝާންގެ މަންމަ އަކީ ކުޅިވަރާ މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް ވަރަށް ޝައުޤުވެރިކަން ހުންނަ މީހެކެވެ. އެހެންކަމުން ކުޑަ ކުޑަ ޒިޝާން އަށް ލިބިފައިވާ ހުނަރުވެރި ކަމަކީ މަންމަގެ ފަރާތުން ލިބިފައިވާ ހުނަރެއް ކަމަށް ބެލެވިދާނެއެވެ.
ސޯޝަލް މީޑިއާ ގައި ދައުރު ވަމުންދާ ފޮޓޯ ތަކުން ޒިޝާން ފެންނަނީ ކުޑަ އެކްޓަރެއް ގޮތަށެވެ. އެރަށު މީހުން ވެސް ބުނަނީ ފިލްމަކުން ފެނިފައިނުވިޔަސް ޒިޝާން އަކީ ހުނަރުވެރި އެކްޓަރެއް ކަމަށެވެ.

