އެހެން މީހުންނާއި އަމިއްލަ ނަފުސު އަޅާކިޔުން، މިއީ އަހަރަމެންގެ ތެރެއިން ވަރަށްގިނަ މީހުންނަށް ނޭނގި ނަމަވެސް ކުރެވޭ ވަރަށް އާންމު ކަމެކެވެ. މިއަމަލަކީ އޭގެ ސަބަބުން ހަޤީޤަތުގައިވެސް އެއްވެސް ރަނގަޅު ނަތީޖާއެއް ނުނުކުންނަ، އަހަރަމެންނަށް ހެދޭ ވަރަށްބޮޑު ގޯހެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ.
އެހެން މީހުންގެ ދިރިއުޅުމާމެދު އަހަރަމެން ގޮތް ނިންމައި ޖަޖުކުރާއިރު، ގިނަފަހަރު އަހަރަމެންނަށް އެނގެނީ، މީހެއްގެ ބޭރުފުށަށް ފެންނަ މަދު ސިފަތަކެކެވެ. އުފާވެރި ހިނިތުންވުމަކާއިއެކު އަހަރަމެންނާއި ބައްދަލުކުރާ ކޮންމެ މީހަކީ، ދިރިއުޅުމުގެ ހުރިހާކަމެއް ފުރިހަމަވެފައިވާ މީހަކަށް ނުވެދާނެއެވެ. ތަނަވަސް ދިރިއުޅުމެއް އުޅޭކަމަށް ބޭރުފުށުން ފެންނަ ކޮންމެ މީހަކީ ފުދުންތެރި ދިރިއުޅުމެއް އުޅޭ މީހަކަށް ނުވެދިޔުމަކީވެސް ގާތްކަމެކެވެ.
އަމިއްލަ ނަފުސަށް ކުރިމަތިވެފައިވާ ތަކުލީފު އެހެން މީހަކާއި އަޅާ ނުކިޔުން
އަހަރަމެންގެ ތެރެއިން ކޮންމެ މީހަކީ ދިރިއުޅުމުގައި، ތަފާތު ނުތަނަވަސްކަމާއި، ހިތްދަތިކަން ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ކުރިމަތިލާންޖެހިފައިވާ މީހެކެވެ. ތަފާތު ތަކުލީފުތައް އުފުލަންޖެހިފައިވާ މީހުން، އަހަރަމެންގެ ދިރިއުޅުމުގައި ގިނައެވެ. ނަމަވެސް އަމިއްލަ ނަފުސަށް ކުރިމަތިވެފައިވާ މިތަކުލީފުތަކާއިއެކުވެސް، އެކަން އެހެން މީހުންނާއި އަޅައިކިޔުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ސަބަބަކީ، އަނެއް އަޚާގެ ބޭރުފުށަށް ފެންނަ ސިފަތަކަށް ބަލައި، އަސްލު ހާލަތު ދެނަގަތުމަކީ، އަހަރަމެންގެ ސިކުނޑިތަކަށް ކުޅަދާނަވެދާނެ ކަމަކަށް ނުވާތީއެވެ. ފަހަރުގައި، ދިރިއުޅުމުގައި ހުރިހާކަމެއް ފުރާ ފުރިހަމަވެފައިވާކަމަށް އަހަރަމެންނަށް ފެންނަ މީހާއަކީ އަހަރަމެންނަށްވުރެ ހިތްދަތިކަން ތަހައްމަލުކުރަންޖެހިފައިވާ މީހަކަށް ވުން އެކަށީގެންވެއެވެ.
އެހެންމީހުންގެ ކާމިޔާބީއަށް ހަސަދަވެރިވެ، ހިތް ނުބައި ނުކުރުން
އެހެންމީހުންނަށް ލިބޭ އުފަލާއި ކާމިޔާބީގައި ބައިވެރިވެ، އެކަންކަމަށް އުފާ ފާޅުކުރުމަކީ، ގިނަބަޔަކަށް އެހާ ފަސޭހަކަމެއް ނޫނެވެ. މިއީ އަހަރަމެންގެ ކިބައިން، އަހަރަމެން ދޫކޮށްލަންޖެހޭ އާދައެކެވެ. އަމިއްލަ ނަފުސަށް ހެޔޮގޮތްވުމަށް އެދޭފަދައިން، އަޚާއަށް ހެޔޮގޮތް ވުމަށް އެދި، އަޚުންނާއި އުޚުތުންގެ އުފަލާއި ހިތާމައިގައި ބައިވެރިވުމަށް އަހަރަމެންގެ މާތް ދީންވެސް ބާރުއަޅައެވެ. އެހެން މީހުންގެ ކާމިޔާބީ އަދި އުފަލާއި ބައިވެރިވުމުގެ ބަދަލުގައި އެކަމަށް ހަސަވެރިވެ، އެމީހަކާއި މެދު ހިތް ނުބައިކުރުމަކީ ނުބައިކަންބޮޑު ހުތުރު އަމަލެކެވެ. ހަސަދަވެރިކަމުގެ ނުބައި އަލިފާނުން ގިނަފަހަރަށް ގެއްލުންވެ އަދައިގެންދަނީ އަމިއްލަ ނަފުސެވެ. ހަސަދަވެރިކަމީ ގުޅުންތައް ހަލާކުކޮށް، މުޅިދުނިޔެއަށް މީހާ ބާކީކޮށްލާ ސިފައެކެވެ. ހަސަދަވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ހިތުގައި އަށަގަތުމަށް ފުރުޞަތު ނުދެމާތޯއެވެ.
ކުރިޔަށް ދެވޭނެ މަގު އަމިއްލަ މަސައްކަތުން ހޯދުމާއިއެކު ހިތްވަރު ދޫނުކުރުން
ކުރިޔަށް ދިޔުމުގައި ހުރަހަކަށް ދިމާވާ މީހާ އަބަދުވެސް ނެތިކޮށްލުމުގެ އުޞޫލަކީ އަމިއްލަޔަށް ވަރަށް ސްމާޓްކަމުގައި ދެކިގެން އުޅޭ މީހުން ގެންގުޅޭ އުޞޫލެކެވެ. މިފަދަ މީހުންނަށް އަމިއްލަޔަށް ކުރިޔަށް ދެވޭނެ ހަމައެކަނި ގޮތަކީ މިއީކަމުގައި ދެކެއެވެ. ނަމަވެސް ހަޤީޤަތަކީ، އެހެން މީހަކު ނިކަމެތިކޮށްފައި ހޯދޭ ކާމިޔާބީއެއްގެ އެއްވެސް އަގެއް ނެތެވެ. އެފަދަ ކާމިޔާބީއިން ލިބޭނެ އެއްޗަކީ މީހުންގެ ނަފުރަތާއި ބަދުބަސް ނޫން ދެވަނަ އެއްޗެއް ނޫނެވެ. ހަޤީޤީ ކާމިޔާބީއަކީ، އެހެން މީހުންގެ ކުރިއެރުމަށް ޖާގަދީ، ކުރިޔަށް ދެވޭނެ މަގު އަމިއްލަ މަސައްކަތުން ހޯދުމެވެ. މީހުންގެ ބަދަބަސް ރައްދުވާ މީހެއްގެ ގޮތުގައި ވުމުގެ ބަދަލުގައި، އަމިއްލަ ބުރަމަސައްކަތުން، އަމިއްލަޔަށް ކުރިޔަށް ދެވޭނެ މަގު ހޯދާ މީހަކަށް ވުމަށް އަބަދުވެސް މަސައްކަތްކުރާށެވެ. ކާމިޔާބީގައި ހިތްތިރިކުރާ އަދި ނާކިމާޔާބީގައިވެސް ހިތްމަތާއިއެކު ހިތްވަރު ދޫނުކޮށް މަސައްކަތްކުރާ، މީހަކަށް ވެވޭތޯ މަސައްކަތްކުރާށެވެ.

