ހައްޤު ގޮތް އެއީ ހައްޤުކަމުގައި ވަނީ ތާއީދުކުރާ މީހުންގެ އަދަދު ގިނަވުމަކުން ނުވަތަ މަދުވުމަކުން ނޫންކަމަށް ޢަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކިތަންމެ މަދު ބަޔަކު ތާއީދު ކުރިޔަސް ހައްޤުވާނީ ހައްޤަށް ކަމަށެވެ. އަދި ޤައުމުގެ އެންމެން ތާއީދު ކުރިޔަސް ބާތިލްވާނީ ހަމަ ބާތިލަށްކަމަށް އިމްރާން ވިދާޅުވިއެވެ.
"ހައްޤު ގޮތް އެއީ ހައްޤުކަމުގައި ވަނީ ތާއީދުކުރާ މީހުންގެ އަދަދު ގިނަ، ނުވަތަ މަދުވުމަކުން ނޫން. ކިތަންމެ މަދު ބަޔަކު ތާއީދު ކުރިޔަސް ހައްޤުވާނީ ހައްޤަށް. އަދި ޤައުމުގެ އެންމެން ތާއީދު ކުރިޔަސް ބާތިލްވާނީ ހަމަ ބާތިލަށް." އިމްރާން ވިދާޅުވިއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ އިސްލާމްދީން ކުރިއެރުވުމާ ބެހޭ ގޮތުން އޭނާ ދެއްކެވި ވާހަކައަކާ ގުޅިގެން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އިމްރާން މީގެ ކުރިން ވިދާޅުވީ ޢަދާލަތު ޕާޓީ އޮތީ ކުޑަކޮށް ވެސް ފަހަތަށްޖެހޭ ގޮތަކަށް ނޫން ކަމަށާއި، އަދި އިސްލާމްދީނުގެ ފުރިހަމަ މަފުހޫމުގައި ސިޔާސީ މަސައްކަތުގައި ޢަދާލަތު ދާނީ ބާރަށް ކުރިއަށް ކަމަށެވެ.

