މާފުށީ ޖަލަށް ވަގަށް ވަންނަން މަސައްކަތްކުރި މީހަކު ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2019 ވަނަ އަހަރުގެ ތެރޭގައި މާފުށީ ޖަލުގެ އިރު ދެކުނު ފަރާތުން ވަގަށް ޖަލަށް ވަންނަން މަސައްކަތްކުރި ދެމީހުންގެ ތެރެއިން އެކަކު ހަތަރު މަހާއި ސައުވީސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. އަނެއް މީހާ 53،600 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައެވެ.
މިމައްސަލައިގައި ޖަލަށްލާން ހުކުމް ކުރީ ރ.މަޑުއްވަރީ، ފަހިއަލި، އިސްމާއިލް ހައްމާދުއަށެވެ. އަދި ޖޫރިމަނާކުރީ ނ.މަނަދޫ، ކެރީބިއަން، އިބްރާހިމް ޖަޒުލާންއެވެ. ޖަޒުލާންގެ ބަންދު ޖޫރިމަނާއަށް ބަދަލުކުރަން އެދުމުން ކޯޓުން ވަނީ ޖަޒްލާންގެ ބަންދު ޖޫރިމަނާއަށް ބަދަލުކޮށް އެފައިސާ ކުރިޔަށް އޮތް ހަމަސް ދުވަސްތެރޭ މީރާއަށް ދެއްކުމަށް ހުުކުމްކޮށްފައެވެ.
ދަންވަރުގެ ވަގުތެއްގައި މާފުށީ ޖަލުގެ އިރު ދެކުނު ފަރާތު މޫދު ސަރަހައްދުން ޑިންގީއެއްގައި މިދެމީހުން ޖަލަށް ވަގަށް ވަންނަން ވަނީ މަސައްކަތްކޮށްފައެވެ. އެސަރަހައްދަކީ އެފަދަ އުޅަދުތައް ވަނުން މަނާ ސަރަހައްދެއްކަން އެނގޭ ގޮތަށް ބޯޑުވެސް ކަރެކްޝަނުން ވަނީ ބަހައްޓާފައެވެ. މިމީހުން ޑިންގީ އެސަރަހައްދުގެ ބޭރުގައި ބޭއްވުމަށްފަހު ޖަލަށް ވަންނަން މަސައްކަތް ކުރީ ފަތާފައި އެހިސާބަށް ގޮސްގެންނެވެ.
މިދެމީހުން ޖަލަށް ވަނުމަށްޓަކައި، ޖަލުގެ ޖަލުގެ ފާރުމަތީގައި ތިއްބާ ފުލުހުންނަށް ފެނުމުން ފިލަން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ އެސަރަހައްދުން އެމީހުން ހައްޔަރުކޮށްފައެވެ. މިމައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން ކުށް ސާބިތުވާކަމަށް މައްސަލަ ބައްލަވާ ޤާޒީ ވަނީ ނިންމާފައެވެ. މިދެމީހުންގެ ތެރެއިން ޖަލުހުކުމް އިއްޔެ ހައްމާދު ޖަލުގައި ހޭދަކުރި، މުއްދަތު އުުނިކުރުމުން ހުކުމުން ދެން ތަންފީޒު ކުރަންޖެހެނީ 4 މަހާއި 6 ދުވަހެވެ.

