ގދ.ގައްދޫގައި ބަންނަމުންދިޔަ ދޯންޏެއްގައި އަލިފާން ރޯވެ ދޯނި އަނދައި އަޅިޔަށް ވެއްޖެއެވެ.
ހުވަދޫ ނިއުސްއަށް މައުލޫމާތު ދެއްވަމުން ގައްދޫއިން ވާހަކަ ދެއްކި މަންޒަރު ދުށް މީހަކު ބުނާ ގޮތުގައި ރަށުގެ އުތުރު ފަރާތު ދޯނި ބަންނަން ހާއްސަކޮށްފައިވާ ސަރަހައްދުގައި ބަންނަމުންދިޔަ ދޯންޏެއް މިވަނީ އަނދައި އަޅިޔަށްވެފައެވެ. އަދި ދޯނީގައި އަލިފާން ރޯވިއިރު އެދޯނީގައި ބިނދޭސީ މީހެއް ހުރި ނަމަވެސް އެމީހާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ދިނެވެ.
މީގެއިތުރުން އަލިފާން ރޯވި ދޯނީގެ ދެފަރާތުގައި އޮތް ދެ ލޯންޗަށް އަލިފާނުގެ އަސަރު ކުރުމުގެ ކުރިން އާންމު ރައްޔިތުންވަނީ ދެލޯންޗު އެތަނުން ނަގާފައެވެ. އަދި ރައްޔިތުންގެ އެހީއާއެކު މިހާރުވަނީ އަލިފާންގަނޑު ނިއްވާލެވިފައެވެ. އެހެންނަމަވެސް ދޯނީގެ ފަހަތުކޮޅުން ބައެއް ފިޔަވައި މުޅި ދޯނި ވަނީ އަނދާ އަޅިޔަށް ވެފައެވެ. ދޯނީގެ 95 އިންސައްތަ ވަނީ އަނދާފައެވެ.

ގދ.ގައްދޫގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ – ފޮޓޯ: އައިޝަތު އަބްދުﷲ
އެދޯނި ހުރީ ބަނދެ ނިމިފައި ކަމަށާއި ލަފާކުރާ ގޮތުން އަލިފާން ރޯވީ ކަރަންޓު ސޯޓެއް ވެގެން ކަމަށް މަންޒަރުދުށް މީހުން މައުލޫމާތުދިނެވެ.
މިދޯންޏަކީ 85 ފޫޓްގެ ފައިބަރ ދޯންޏެކެވެ. އަލިފާން ރޯވިއިރު ދޯނި ހުރީ އެއްކޮށް ބަނދެ ނިމިފައެވެ. މިހާދިސާ ހިނގަން މެނދުވެރިވި ސަބަބެއް ސީދާ ނޭގޭ ކަމަށާއި ދޯނީގައި އަލިފާން ރޯވެފައިވަނިކޮށް ފެނުނީ އާންމު ރައްޔިތުންނަށް ކަމަށް މަންޒަރުދުށް މީހުން މައުލޫމާތުދިނެވެ.

