ކ. ދިއްފުށީގައި އުމުރުން 14 އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނެ ބަޔަކު ނުކުމެ އަނިޔާކުރި ޒުވާނާއަށް އިންސާފް ހޯދުމަށް ގއ.ވިލިނގިލީ ރައްޔިތުން ނުކުުމެ މުޒާހަރާކޮށްފިއެވެ.
މިއަދު ހަވީރު ވިލިނގިލީގައި ކުރިޔަށް ގެންދިޔަ މިމުޒާހަރާގައި ވިލިނގިލީ ރައްޔިތުންވަނީ ދިއްފުށީ ރައްޔިތުންނަށް އިންޒާރުދީފައެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދިޔައީ ކުށެއްނެތި އަނިޔާކުރީތީ އަނިޔާކުރާނެ ކަމަށެވެ. އަދި ދުވަހަކުވެސް އެއްވެސް މީހަކަށް ގޯނާއެއް ކޮށްފައި ނޯންނާނެ ކަމަށާއި ނަމަވެސް މިހާރު ހުތުރު ސިފައެއްގައި ވިލިނގިލީ ޒުވާނަކު ފްރޭމްކޮށްފައި ދިއްފުށީ ރައްޔިތުން އަނިޔާ ކުރީތީ ވިލިނގިލީ ރައްޔިތުންވެސް ފަހަތަކަށް ނުޖެހޭނެ ކަމަށް ގޮވަމުންދިޔައެވެ.
ދިއްފުށީފައި ދިރިއުޅުނު ގއ.ވިލިނގިލީ ޒުވާނަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށްބުނެ ދިއްފުށީ ބަޔަކު ނުކުމެ އޭނާ ބަރަހަނާ ކުރުމަށްފަހު ވަނީ އަނިޔާކޮށްފައެވެ. އެހެންނަމަވެސް މިހާރު މިހާރު މީސް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި އޭނާ ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަދި އެއްވެސް ކުށެއްނެތި ދިއްފުށީ ބަޔަކު އޭނައަށް އަނިޔާކުރިކަމަށާއި އެރަށަށް ނިސްބަތްވާ ސާޖެންޓްގެ މަގާމުގައި ހުރި ފުލުހަކު އޭނައަށް އިންޒާރުދިން ކަމަށް އެވީޑިޔޯގައި ބުނެފައިވެއެވެ.
” ކަލޭ ހީނުކުރައްޗޭ، ކަލޭ ބޭނުންހާ ގޮތެއް ހެދޭނެ. ތިމަންނަމެންގެ ހިސާބެ މިއީ. ތިމަންނަމެންގެ ސަރަހައްދޭ މިއީ. މިރަށުން ކަލޭ ދާނީ ސްޓްރެޗަރެއްގައޭ.” ފުލުސްމީހާ ދިން އިންޒާރު އަނިޔާ ލިބުނު ޒުވާނާ ކިޔައިދިނެވެ.
އެހެންކަމުން މުޒާހަރާގެ ބައިވެރިން ވަނީ އިންޒާރުދިން ފުލުސްމީހާ ހައްޔަރުކުރުމަށް ގޮވާލާފައެވެ.
މިމައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އަނިޔާ ލިބެމުން ދިޔަ މީހަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން ފުލުހަކު، ފުލުހުންގެ ދައުރު އަދާކުރުމުގައި އިހުމާލުވެ، އަހުލާގީ މިންގަނޑުން ބޭރުން އަމަލުތައް ބެހެއްޓި ކަމަށް އަނިޔާ ލިބުނު މީހާ ތުހުމަތުކޮށްފައި ވާތީ އެކަމަ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ފުލުހުންގެ ޕްރޮފެޝަނަލް ސްޓެންޑާޑްސް ކޮމާންޑް އިން ބަލަމުން އަންނަ ކަމަށެވެ.

