ކަސްޓަމްސްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމާއި ހެލްތް އިންޝުއަރެންސް ދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވުނު ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއަދާ ހަމަޔަށް އައިއިރުވެސް ކަސްޓަމްސްގެ މުވައްޒަފުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ބޯހިޔާވަހިކަމަށް އަދިވެސް ހައްލެއް ލިބިފައިނުވާ ކަމަށާއި ސަރުކާރުން މިހާރު އިމާރަތް ކުރަމުންދާ ފްލެޓު ތަކުން ކަސްޓަމްސްގެ މުވައްޒަފުންނައް ފްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށެވެ.
މީގެ އިތުރުން ކަސްޓަމްސް މުވައްޒަފުންގެ ޒިންމާތަކަށް ބަލާއިރު، ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުމެ ހުށަހެޅެމުންދާ ބައެއް ކަމަށާއި ރާއްޖެއަށް އެތެރެކުރަން މަސައްކަތް ކުރާ ނުރައްކާތެރި ހަތިޔާރާއި، އެކި ބާވަތްތަކުގެ ނުރައްކާތެރި ޑްރަގްސް ފަދަ ތަކެތި ރާއްޖެއަށް އެތެރެވިޔަނުދީ ހުއްޓުވުމަކީ ކަސްޓަމްސް އޮފިސަރުންގެ ޒިންމާއެއް ކަމަށް ރައީސް ވަނީ ފާހަނގަކޮށްފައެވެ.
އެހެންކަމުން ކަސްޓަމްސްގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސަކީ ވަރަށް މުހިންމު އެއްޗެއްކަން ފާހަނގަ ކުރައްވަމުން ރައީސް ވިދާޅުވީ 2024 ވަނަ އަހަރާއި ހަމައަށް ކަނޑައެޅިފައިވާ ކަސްޓަމްސްގެ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައިވެސް މިކަން ހިމެނިފައިވާ ކަމަށާއި އެކަންތައް ކުރެވޭނެ މަގެއް ހޯދާނެ ކަމަށެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވި ގޮތުގައި މިސަރުކާރުން އެންމެ އިސްކަމެއް ދެނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކާއި ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށެވެ. އެގޮތުން ސަރުކާރުން ދަނީ އެކިއެކި މަޝްރޫޢުތައް ހިންގަމުންނެވެ.
ކަސްޓަމްސްގެ ޚިދުމަތްތައް ތަރައްޤީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އަމާޒަކީ، ކަސްޓަމްގެ ޚިދުމަތްތައް ހަރުދަނާކޮށް، ރާއްޖެއަށް ކުރިމަތިވެފައިވާ، މަސްތުވާތަކެތީގެ މައްސަލަތަކާއި ޓެރަރިޒަމާއި މަނީ ލޯންޑަރިންގެ މައްސަލަތަކަށް އެދެވޭ ޙައްލެއް ހޯދުން ކަމުގައި ވިދާޅުވެފައެވެ.

