އެމްޑީޕީގެ ޗެއާޕާސަންގެ ނައިބުގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ މިހާރު ހިނގަމުންދާ ދައުރުގެ އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހުގެ 25 ވާ އަންގާރަ ދުވަހަށް ހަމަވާނެ ކަމަށެވެ.
އެ ގޮތުން އެ މަޤާމުތަކަށް ކުރިމަތިލާން ބޭނުންވާ އެ ޕާޓީގެ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުސަތު ހުލުވާލައިފައިވާ ކަމަށެވެ.
އެ މަޤާމުތަކަށް އިންތިޚާބުކުރުން އޮންނާނީ 19 އޯގަސްޓް 2022 ވާ ހުކުރު ދުވަހު ފެށޭ އެ ޕާޓީގެ ކޮންގްރެސްގައިކަމަށް އެމްޑީޕީން ބުންޏެވެ. އަދި އެ އިންތިޚާބުގައި ވޯޓުލެވޭނީ ކޮންގްރެސްގައި ބައިވެރިވެވާ ކޮންގްރެސްގެ ބައިވެރިންނަށް ކަމަށެވެ.
”ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރެއްވުމަށްފަހު 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުއްވުމަށް ދެންނެވީމެވެ.“ އެމްޑީޕީން ބުންޏެވެ.

