މެކްސިކޯގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރީގައި ނަން މަޝްހޫރު "ޑްރަގް ލޯޑް" އެއް ކަމަށްވާ ރަފަޔެލް ކޭރޯ ކުއިންޓޭރޯ ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި 14 މީހަކު ވަނީ މަރުވެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ޑްރަގްލޯޑް ހައްޔަރު ކުރުމަށް އެ ގައުމުގެ ނޭވީން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ބޭނުންކުރި ނޭވީ ހެލިކޮޕްޓަރ ވެއްޓި އަލިފާން ރޯވުމުން 14 މީހުން ވަނީ މަރުވެފައެވެ. ނޭވީ ބްލެކްހޯކް ނަމަކަށް ކިޔާ އަސްކަރީ ހެލިކޮޕްޓަރު ވެއްޓެން ދިމާވި ސަބަބުގެ ތަފްސީލް އެގައުމުން ހާމައެއް ނުކުރެއެވެ.
މެކްސިކޯގެ ރައީސް، އެންޑްރިއާސް މެނުއެލް ލޯޕޭޒްއޮބްރޭޑޯ ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ކިޔުއްވައި ހިތާމަފާޅުކުރައްވާފައެވެ.
1985 ވަނަ އަހަރު އެމެރިކާގެ އޭޖެންޓެއް ކަމަށްވާ ކެމަރޭނާ ނުވަތަ އާންމު ނަމުންނަމަ ކީކީ މަރާލުމަށްފަހު ޑްރަގް ލޯޑް-ކޭރޯ ވަނީ ޖަލަށް ގޮސްފައެވެ. ނަމަވެސް އޭނާ ވަނީ ޖަލުން ފިލައި މަސްތުވާތަކެތި ވިޔަފާރިކުރުމުގެ މަސައްކަތް ހުއްޓާނުލާ ކޭރޯ ވަނީ ކުރިއަށް ގެންގޮސްފައި ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.
އޭގެ ދިހަވަރަކަށް އަހަރު ފަހުން މިދިޔަ ހުކުރު ދުވަހު މެކްސިކޯގެ ސަރުކާރުން ހިންގި އޮޕަރޭޝަންގައި އޭނާ މިހާރު ވަނީ ހައްޔަރުކުރެވިފައެވެ. ބޭރުގެ މީޑިޔާތަކުން ރިޕޯޓުކުރާ ގޮތުގައި މަސްތުވާތަކެތި އަތުލައިގަތުމަށް ޓްރެއިން ކޮށްފައިވާ "މެކްސް" ކިޔާ ކުއްތާއެއް ބޭނުން ކޮށްގެން އޭނާ ހައްޔަރުކޮށްފައިވަނީ މީހުން މަދު ހިސާބުގަނޑެއްގައި ފިލައި އުޅެނިކޮށެވެ.

