މާލޭގެ ފިހާރައަކާއި އޮފީހަކުން ވަގަށްނާގަފައިވާ ތަކެތި ފުލުހުން ހޯދައިފިއެވެ.
ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ ޖުލައި 19 ވަނަ ދުވަހުގެ ރޭ މާލޭ ބުރުޒުމަގުގައި ހުރި ފިހާރައަކުން އަދި ޖުލައި 18 ވަނަ ދުވަހުގެ ރޭ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވައްކަން ކުރިކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި ފިހާރައިން ވަގަށް ނަގާފައިވާ ފައިސާތަކަކާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފި ކަމަށެވެ.
ވައްކަމުގެ ރިޕޯޓާ ގުޅިގެން ގަލޮޅު ޕޮލިސް ސްޓޭޝަނުން އެ ސަރަހައްދަށް ދިޔައިރު، ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ވައްކަންކުރަން ފިހާރައަށް ވަދެ ހުރި މީހަކު ފެނިފައިވާ ކަމަށާއި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު އެ ފިހާރައިން އޭނާ ވަގަށް ނެގި 18000 އަށްވުރެ ގިނަ ރުފިޔާއާއި ޑޮލަރުތަކެއް ފެނުނު ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
އޭގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ވަގަށް ނަގާފައިވާތަކެތި ހޯދުމަށް ގަލޮޅު ޕޮލިސް ސްޓޭޝަނުން ވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން އެ ސަރަހައްދު ބަލައި ފާސްކޮށް، ވަގަށް ނަގާފައިވާ އަށް ލެޕްޓޮޕާއި، ދެ އައި ފޯނާއި އެހެނިހެން ތަކެތި ހޯދި ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި ދެ މައްސަލަވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގުކުރަމުންނެވެ.

