ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަކީ ކޮންމެ މީހަކަށްވެސް ލިބިދޭ ޙައްޤެއް ކަމަށާއި، ނޫސްވެރިން ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށް ރައީސް އޮފީހުން އަންގައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤަކީ ކޮންމެ ނޫސްވެރިޔަކަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 28 ވަނަ މާއްދާއިން ލިބިދޭ ޙައްޤެއް ކަމަށާއި، މިގޮތުން ޝާއިޢުކުރާ ޚަބަރުތަކުގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށެވެ.
މަޢުލޫމާތުގެ މަސްދަރު ހާމަކުރުމަށް މަޖުބޫރު ނުކުރުމުގެ ޙައްޤު، މިނިވަން އަދި ދީމިޤްރާޠީ މުޖުތަމަޢުތަކުގައި ހިފެހެއްޓިފައިވަނީ، އެ ޙައްޤުގެ މަޤްޞަދާއި އިމްތިޔާޒުތަކާއި، ޙައްޤު ހިފެހެއްޓުމުގެ މުހިއްމުކަން އަޅައިކިޔުމަށް ފަހުގައި ކަމަށާއި، ނޫސްވެރިންނަށް ލިބޭ މަޢުލޫމާތުގެ މަސްދަރުތައް ޙިމާޔަތްކުރުމުގެ ބޭނުން އޮތް ނަމަވެސް، ދީމިޤްރާޠީ މުޖްތަމަޢުތަކުގައި އެކަން އިސްތިސްނާކުރުން ހުއްދަކޮށް އެ މަޢުލޫމާތެއް ލިބުނުގޮތް ދެނެގަނެވޭނެ ޤާނޫނީ ގޮތްތަކެއް އޮންނަ ކަމާއި އޭގެ ތެރޭގައި، ޢަދުލު އިންޞާފުގެ މަޞްލަޙަތާއި، ޤައުމީ ސަލާމަތާއި، ފިތުނަފަސާދަ ނުވަތަ ކުށް ހުއްޓުވުމުގެ މަޞްލަޙަތު އިސްކުރާ ކަންތައްތައް ހިމެނޭކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން މަސްދަރު ހާމަކުރުމުގެ ހުއްދަ ދިނުމުގައި ފަނޑިޔާރު ރިޢާޔަތްކުރަންޖެހޭ ކަންކަމުގެ ފުރިހަމަ ލިސްޓެއް ޤާނޫނުގައި ހިމަނައިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހެއްކާބެހޭ ޤާނޫނުގައި، ނޫސްވެރިޔަކު އޭނާއަށް ލިބުނު މަޢުލޫމާތުގެ މަސްދަރު ހާމަކުރަންޖެހޭ ފަދަ އަމުރެއް ނެރުމުގެ ކުރިން، މި ލިސްޓްގައިވާ ނުކުތާތަކަށް ކޯޓުތަކުން ރިޢާޔަތް ކުރުން ލާޒިމުކޮށްފައިވާކަމަށާއި މަސްދަރު ހާމަކުރުމަށް ކޯޓަކުން ކޮށްފައިވާ އަމުރު، މަތީ މަރުޙަލާގެ ކޯޓުތަކުގައި (ހައިކޯޓު އަދި ސުޕްރީމް ކޯޓުގައި) އިސްތިއުނާފު ކުރުމުގެ ފުރުޞަތު ނޫސްވެރިޔާއަށް ލިބިގެންވާކަމަށެވެ.
މިމަހު 18 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހެއްކާއި ބެހޭ ބިލް ތަސްދީގު ކުރައްވާފައެވެ. މިބިލް ތަސްދީގު ކުރިތާ 24 ގަޑިއިރު ނުވަނީސް “ދިޔަރެސް” ނޫހުގެ ޗީފް އެޑިޓަރ އަޒާން ވަނީ ތަހުޤީގަށް ފުލުހަށް ހާޒިރުކޮށްފައެވެ. މިބިލުގެ ސަބަބުން ނޫސްވެރިންގެ ދުލުގައި ތަޅުއެޅުވީ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
އެހެންނަމަވެސް ސަރުކާރުން ބުނަމުން ދަނީ ނޫސްވެރިންނަށް ޙިމާޔަތްދިނުމާއި، ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއާއި، 29 ވަނަ މާއްދާއިން ނޫސްވެރިންނަށް ލިބިދޭ ޙައްޤުތައް ރައްކާތެރިކުރާނެ ވާހަކައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް މިބަޔާނުގައި ބުނެފައިވެއެވެ.
ނޫސްވެރި ކަމުގެ މިނިވަންކަން ހިފެހެއްޓުމުގައި ރިޢާޔަތްކުރާނެ ކަންކަމުގެ ތެރޭގައި، ޤައުމީ ސަލާމަތް ރައްކާތެރި ކުރުމާއި، ސަރަޙައްދީ މަޞްލަޙަތަށް އިސްކަން ދިނުމާއި، އާންމު މަޞްލަޙަތާއި، ފިތުނަވެރިކަމާއި ކުށް ހުއްޓުވުމާއި، ޞިއްޙަތު ރައްކާތެރިކުރުމާއި، އަޚުލާޤީ މިންގަނޑުތައް ހިފެހެއްޓުމާއި، މީހުންގެ ނަމާއި އަބުރު ރައްކާތެރިކޮށްދިނުމާއި، އިތުބާރުހުރި ފަރާތްތަކުންދޭ މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމާއި، ޝަރުޢީ ދާއިރާގެ ބާރާއި މުސްތަޤިއްލުކަން ދެމެހެއްޓުން ހިމެނޭކަމަށް ވެއެވެ.

