މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން އައްޑޫ ސިޓީގައި ފަންނާނުންގެ މިއުޒިކީ ޢީދު އޮންނާނެ ކަމަށް ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އިން ހާމަކޮށްފިއެވެ.
އެންސީއޭއިން މިއަދު ބުނީ އައްޑޫ ސިޓީ ކައުންސިލާއި ގުޅިގެން ޖުލައި 27 އަދި 28 ވަނަ ދުވަހު ދިވެހި ފަންނާނުންގެ މިއުޒިކީ އީދު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިފަހަރުގެ ފަންނާނުންގެ މިއުޒިކީ ޢީދުގައި އައްޑޫގެ ފަންނާނުންނާއި މާލޭގައި މަސައްކަތް ކުރާ އެކި ބޭންޑުތަކާއި ފަންނާނުންވެސް ބައިވެރިވާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެވެސް މިނިވަން ދުވަހާއި ގުޅުވައިގެން ގެނެސްދޭ މި ޝޯވ މެދުކެނޑިފައި އޮތުމަށްފަހު އަލުން ފަށާފައިވަނީ 2019 ވަނަ އަހަރެވެ. ނަމަވެސް 2020 ވަނަ އަހަރު ކޮވިޑް ޕެންޑަމިކްގެ ސަބަބުން ޝޯވ ނުބާއްވައެވެ.
އެހެންނަމަވެސް އެހެން އަހަރުތަކާ ޚިލާފަށް 2021 ވަނަ އަހަރު ފާންނާނުންގެ މިއުޒިކީ ޢީދު ޝޯވ އާއްމުންނަށް ހަމައަށް ގެނެސްދީފައިވަނީ ލައިވް ސްޓޭޖް ޝޯވއެއްގެ ބަދަލުގައި، ރިކޯޑެޑް ޝޯވއެއްގެ ގޮތުގައި ޓީވީ މެދުވެރިކޮށެވެ. މި ޝޯވގައި 12 ގްރޫޕަކުން ގާތްގަނޑަކަށް 80 އެއްހާ ދިވެހި ފަންނާނުން ވަނީ ބައިވެރިވެފައެވެ.

