ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސް ފާހަގަކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ މަޒުމޫނު ލިޔުމުގެ މުބާރާތަކާ ކުރެހުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހެވެ. ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ މި މުބާރާތްތަކުގެ މަޤުޞަދަކީ ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މަސައްކަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި، ޑިމޮކްރަސީގެ އުސޫލުތަކާ ހަމަތަކަށް އާއްމުން ހޭލުންތެރިކަން އިތުރުމެވެ.
މުބާރާތުގެ ތީމަކީ "ރައްޔިތުންގެ ވެރިކަން – ރައްޔިތުންގެ މަޖިލީހުގެ ދައުރު" މިއެވެ. މުބާރާތަށް ހުށައަޅާ ހުށައެޅުންތައް ވާންވާނީ އެމީހެއްގެ އަމިއްލަ އުފެއްދުމަށްކަށެވެ.
މި މުބާރާތުގައި މަޒުމޫނި ލިޔާނީ ލިޔުންތެރިަމުގެ ތެރޭގައި ހިމެނޭ މަޒުމޫނު ލިޔުމުގެ އެކިއެކި ވައްތަރުތައްކަމުގައިވާ، ސިފަކުރާ މަޒުމޫނާ އެއްކޮޅަށް ވާހަކަދައްކާ މަޒުމޫނާއި ދެކޮޅަށް ވާހަކަދައްކާ މަޒުމޫމާއި ދެކޭ ގޮތް ހާމަކުރާ މަޒުމޫނުގެ ވައްތަރުތަކަށެވެ. އަދި ފޮތްތަކާ ލިޔުންތައް އަދި ތަފާސް ހިސާބުތައް ހިމަނާނަ، ރިފަރެންސް ހިމަނަން ވާނެއެވެ.
ހުށައެޅުންތައް ހުށައެޅުމަށް 4 އުމުރުފުރާއަކަށް ބަހާލާފައިވާއިރު، ހުށައެޅުންތައް ހުންނަންވާނީ އެ އުމުރުފުރާއަކަށް ކަނޑައަޅާފައިވާ ވޯޑް ލިމިޓަށެވެ.
ކުރެހުމުގެ މުބާރާތައް ހުށައަލާ ހުށައެޅުންތަކުގައި، އިސްލާމްދީނާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި މުޖުތަމަޢުގެ ޢާއްމު އަޙުލާޤީ މިންގަނޑުތަކާ ތަޢާރުޒުވާ މަންޒަރެއް ނުވަރަ މެސެޖެއް ހިމެނިގެން ނުވާނެއެވެ. ކުރެހުން ވާންވާނީ 12 އިންޗިއާއި 18 އިންޗީގެ ކުރެހުމަކަށެވެ. އަދި ކުރެހުމުގައި އެއްވެސް ލިޔުންކޮޅެއް ހިމަނާނަމަ، ލިޔުންކޮޅު ހުންނަން ވާނީ ދިވެހި ނުވަތަ އިނގިރޭސި ބަހުން އަތުލިޔުމުންނެވެ.
މަޒުމޫނު ލިޔުމާއި ކުރެހުން ހުށައެޅޭނީ 4 އުމުރުފުރާއަކުންނެވެ.
އުމުރުފުރާ ތަކަކީ:
– 35 އަހަރުން މަތި
– 25 އަހަރާއި 18 އަހަރާ ދެމެދު
– 18 އަހަރާއި 14 އަހަރާ ދެމެދު
– 14 އަހަރުން ދަށް
މުބާރާތްތަކުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ވަނި ކަނޑައަޅާފައެވެ. އެގޮތުން ކޮންމެ އުމުރުފުރާއަކުން ވަނަ ހޮވުމާއި، މުޅި މުބާރާތުންވެސް ވަނަތައް ހޮވާނެއެވެ.
އުމުރުފުރާއަށް ހުށައަޅާފައިވާ އިނާމު:
– 1 ވަނަ އަށް: 2000 ރުފިޔާ
– 2 ވަނަ އަށް: 1500 ރުފިޔާ
– 3 ވަނަ އަށް: 1000 ރުފިޔާ
މުޅި މުބާރާތަށް ހުށައަޅާ އިނާމު:
– 1 ވަނަ އަށް: 5000 ރުފިޔާ
– 2 ވަނަ އަށް: 4000 ރުފިޔާ
– 3 ވަނަ އަށް: 3000 ރުފިޔާ
މުބާރާތަށް މަޒުމޫނާ ކުރެހުން ހުށައެޅުމުގެ އެންމެ ފަހު ތާރީޚަކީ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހެވެ. މުބާތާރުގެ ވަނަތައް ހޮވާނީ މަޖިލީހުން ކަނޑައަޅާފައިވާ ޚާއްސަ ކޮމެޓީއަކުންނެވެ.

